ރަހީނުކޮށް މަރާލި، އަހުމަދު ރިލްވާން އަބްދުﷲ، ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާއި ގުޅޭ މައުލޫމާތު އެނގޭ މީހުން އަދިވެސް ތިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށް މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ ކޮމިޝަނުން އެހެން ބުނެފައި ވަނީ ރިލްވާންގެ މަރާ ގުޅިގެން މިއަދު އާންމު ކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯއަކީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާކުރެވޭ ކަންކަމާއި ކުރިން ވެސް އާންމު ކޮށްފައިވާ ހަގީގީ މަންޒަރުތައް ހިމެނޭ ވީޑިއޯ އެކެވެ.
ރިލްވާން ގެއްލުވާލި ރޭ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާއި ގުޅޭ މައުލޫމާތު އެނގޭނެ ބައެއް ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބެދާނެ ކަމަށް އެ ކޮމިޝަނުން ގަބޫލުކުރާ ކަމަށް އެ ވީޑިއޯގައި ބުނެ އެވެ.
އެހެން ބުނި އިރު އެ މައްސަލަ ޝަރީއަތަށް ސާބިތު ކުރެވޭވަރުގެ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 500،000 ރުފިޔާ ދޭން މީގެ ކުރިން ކޮމިޝަނުން ވަނީ ހުށަޅާފަ އެވެ.
ރިލްވާންގެ މަރަސް ހަތް އަހަރު ވެފައި ވާއިރު، ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބިފަ އެއް ނުވެއެވެ. ގިނަ ދުވަސްތަކަކަށް ފަހު އާ އެއްވެސް މައުލޫމާތަކާ ނުލައި ކޮމިޝަންުން މިއަދު އާންމު ކުރި ވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ. އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަގުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިޔޯގައި ދައްކަ އެވެ.
ވީޑިއޯގައި ބުނެފައި ވަނީ ރިލްވާނަށް ގެއަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ އޭނާ ގެއްލުނު ރޭ 1:45 ކަންހާއިރު ކަމަށެވެ. އޭރު އޭނާގެ ފްލެޓް ކައިރީގައި ރަތް ކާރެއް މަޑުކޮށްފައި އޮންނަ ކަމަށް ވީޑިއޯގައި ބުނެ އެވެ. ފްލެޓް ކައިރިއަށް ރިލްވާނަށް ދެވުމާއިއެކު ގަދަކަމުން އޭނާ ކާރަށް އަރުވާކަން ސިފަކޮށް މަންޒަރު ވީޑިއޯ އިން ދައްކައެވެ. ކާރަށް އޭނާ އެރުވި ވަގުތު އެކަން ކުރި މީހުންގެ އަތުން ވަޅިއެއް ވެއްޓުނު މަންޒަރު ސިފަކޮށްދޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ގެއްލިފައިވާ މީހުންނާއި މަރާލައިފައިވާ މީހުނަށް އިންސާފު ހޯދައި ދޭނެ ކަމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ.