މީގެ އަހަރުތަކެއް ކުރިން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ އާއިލާއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙުމް މުހައްމަދު ސޯލިހާއި ބައްދަލު ކޮށްފި އެވެ.
އެ ދެ އާއިލާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރިލްވާނާއި ޔާމިން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުން ފާހަގަ ކޮށްފައިވާ ކަންކަން ރައީސް އާއި ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ކޮމިޝަންގެ މަސައްކަތްތަށް އިތުރަށް ފުރިހަމަކޮށް، ކޮމިޝަނުން ތަހްގީގު ކުރަމުންދާ މިފަދަ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށްއިންސާފް ގާއިމް ކުރެވޭނެކަން ކަށަވަރުކުރުމަށް، ރާއްޖެއިން ބޭރުގެ ތަގުގީގީ ދާއިރާގެ މާހިރަކު އެ ކޮމިޝަނަށް އައްޔަން ކޮށްދީ ކޮމިޝަނުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއެް ހަމަޖައްސައި ދިނުމަށް އެދި ރައީސްގެ އަރިހުގައި އެދިފާއިވާނޭ ކަމަށެވެ.
"... އާއިލާތަކުގެ މި އެދުމަށް ރައީސް އިޖާބަ ދެއްވާފައިވާ ވުމަކީ އާޢިލާތަކުން މަރުހަބާ ކިޔާ ކަމެކެވެ. އުއްމީދު ކުރަނީ އެންމެހާ އާއިލާތަކަށް އިންސާފް ލިބުމެވެ...." ބަޔާނުއި ބުނެފައިވެ އެވެ.
ރިލްވާން ވަގަށް ނަގާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މަރު ކޮމިޝަނުގެ ރިޕޯޓްގައިވާ ގޮތުން ރިލްވާން ގެއްލުވާލައި މަރާލުމުގެ ފަހަތުގައި އޮތީ އަލްގައިދާގެ ރާއްޖޭގެ ގޮއްޕެވެ. އެމީހުން ރިލްވާން މަރާލީ، އޭނާ ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނެ ކަމަށް ރިޕޯޓްގައިވެ އެވެ. ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވީ ރިލްވާން މައްސަލާގައި ހިމެނޭ ސީރިއަސް ކަންކަމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ކުރިއަށް އަޅުއްވާނެ ކަމަށެވެ.
އަނިޔާވެރި ގޮތަކަށް ބްލޮގާ ޔާމިން ރަޝީދު މަރާލާފައިވަނީ 2014 ވަނަ ދުވަހު އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެރޭ އޭނާ ދިރިއުޅެ ގޭގެ ސިޑި ގޮޅިތެރޭގައެވެ.
މި ދެއާއިލާއިން މީގެ ކުރިންވެސް ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނވާފަ އެވެ. އެ ސިޓީގައި ދެ މަރާ ގުޅޭ ގޮތުން އެންމެ ފަހުން އެނގުނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ޝާމިލުވާ ދެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ތަހުގީގު ހިންގާފައިވާ ގޮތް ގޯސް ވެގެން މައްސަލަތައް އަނބުރާ ފޮނުވާލި ވާހަކަ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ ފަހުން އެއްވެސް މުއައްސަސާއަކުން އާއިލާއަށް އެއްވެސް ކަމެއް އޮޅުން ފިލުވައި ނުދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.