މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ގުޅޭ ގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރިލްވާންގެ މަރުގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މަރު ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
މަރުތައް ބަލާ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް ޝަރީއަތް ކުރިއަށްދާކަން މިއުވާން ފާހަގަކުރެއްވި އެވެ.
ރިލްވާންގެ މަރާލި މައްސަލައިގައި ދައުލަތުން މިހާރު ވަނީ ބައެއްގެ މައްޗަށް ދައުވާވެސް އުފުލާފަ އެވެ. އެގޮތުން ދައުވާކޮށްފައިވަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު 40 އަށެވެ.
ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ރިލްވާންގެ މައްސަލައިގެ ތަފުސީލް ރިޕޯޓު މިދިޔަ އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ކުރިން ބުންޏެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ރިޕޯޓު މިއަހަރުގެ މެދު ތެރޭގައި ލިބޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރިލްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.