އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި ކުށްވެރިން ފިލުވަން މަސައްކަތް ކުރި މީހުންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކޮށްދިނުމަށް އާއިލާއިން ގޮވާލައިފި އެވެ.
ރިލްވާންގެ އާއިލާ އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އަދި ރިލްވާން އެންޑް ޔާމީން ފައުންޑޭޝަންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިލްވާން ގެއްލުވާލި މައްސަލަ ފޮރުވުމުގަ އާއި އެކަމުގައި ބައިވެރިވި ކުށްވެރިން ފިލުވުމަށް އެކި ގޮތްގޮތުން އެހީވިކަމަށް ބެލެވޭ، މިހާރު އަދި މީގެ ކުރީގައި ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާ ކުރަން ގޮވައިލާ ކަމަށެވެ.
ރިލްވާން ވަގަށް ނެގިތާ މިއަދާ ހަތް އަހަރުވެފައިވާއިރު އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމާނެ ތާރީހެއް ދިނުމަށްވެސް ބަޔާނުގައި ވަނީ ސަރުކާރަށް ގޮވައިލާފަ އެވެ. އަދި ރިލްވާން ވަގަށް ނެގުމުގެ މައްސަލަ އިސްތިއުނާފް ކުރުމުގައި މަރު ކޮމިޝަނާއި، ފުލުހުންގެ އިދާރާ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އެހެނިހެން އިދާރާތަކުގެ މެދުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރަން ވެސް ސަރުކާރަށް ވަނީ ގޮވައިލާފަ އެވެ.
މީގެ އިތުރުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ތަހުގީގަށް ހުރަސް އަޅާ މީހުންނާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ވެސް އާއިލާއިން ވަނީ އެދިފަ އެވެ.
ރިލްވާންގެ މަރަށް ހަތް އަހަރު ވީއިރު ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބިފަ އެއް ނުވެ އެވެ. ގިނަ ދުވަސްތަކަކަށް ފަހު އާ އެއްވެސް މައުލޫމާތަކާ ނުލައި ކޮމިޝަނުން މިދިޔަ މަހުގެ އެއްވަނަ ދުވަހު އާންމު ކުރި ވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ.
އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަތުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިއޯގައި ދައްކަ އެވެ.
ގެއްލިފައިވާ މީހުންނާއި މަރާލައިފައިވާ މީހުނަށް އިންސާފު ހޯދައި ދޭނެ ކަމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ.