ރިޕޯޓް

ދުނިޔޭގެ ލީޑަރުން ވެސް ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރޭގައި

ރާއްޖޭގެ މުޅި ސިޔާސީ މަސްރަހުގައި މިހާރު އެއް އަޑަކަށް މި ކިޔާ ލަވަޔަކީ، މުޅި ދައުލަތުގެ އެންމެންގެ މައްޗަށް ތުހުމަތު ކުރެވޭ 1.22 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއްގެ ވާހަކަ އެވެ. މިއީ ރާއްޖޭގައި އެކަނި ކިޔާ ލަވައެއް ނޫނެވެ. ދުނިޔޭގެ އެތައް ބޮޑެތި ގައުމެއްގައި، މަޝްހޫރު އެތައް ލީޑަރުންނެއްގެ ބޯމަތީގައި މި ދުވަސްވަރު މި އޮތީ ހިޔާނާތާއި ރިޝްވަތު ހިފުމުގެ ބޮޑެތި ތުހުމަތުތަކެވެ.

އެހެން ވާން މިޖެހެނީ ވެސް ވެހޭއިރު ފެން ނަގާށޭ ބުނާ އުސޫލުން، އަތް ބޭނުނުހާ ތަނަކުން ހިތައް އެރި ސިފައެއްގައި ސިޔާސީ މީހުންގެ ޗީބުތައް ބޮޑު ކުރަން ކަންތައްތަކެއް ކުރެވޭތީ އެވެ. މުޅި ދުނިޔެއަށް ބަލާ އިރު، ކޮރަޕްޝަނުގެ ތުހުމަތުތަކުން ބޮލުފޮށާ އެޅިފައި ތިބި ލީޑަރުންތަކެއް މި ދުވަސްވަރު އެބަ ތިއްބެވެ. މީގެ ތެރޭގައި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ހިލެރީ ކްލިންޓަން އާއި މެލޭޝިޔާގެ ބޮޑު ވަޒީރު ނާޖިބް ރައްޒާގް އަދި ރަޝިޔާގެ ރައީސް ބްލެޑްމިއާ ޕްޓިން ހިމެނިވަޑައިގަންނަވަ އެވެ.

ހިލަރީ

ޑިމޮކްރެޓުންގެ ތެރެއިން އެމެރިކާގެ ރިޔާސީ ރޭހަށް ނިކުމެ ވަޑައިގެން ހުންނެވި، ހިލެރީ ކްލިންޓަންގެ މައްޗަށް މި އަންނަނީ ރިޝްވަތު ހިފުމުގެ ތުހުމަތުތައް ކެނޑިނޭޅި ކުރެވެމުންނެވެ. އެއް އިރެއްގައި އެމެރިކާގެ އެންމެ ނުފޫޒު ގަދަ އެއް މަގާމު، ފޮރިން ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި އެކަމަނާ ހުންނެވި އިރު، ސައުދީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް ހަދިޔާއެއްގެ ގޮތުން އެކަމަނާއަށް ފަސް ލައްކަ ޑޮލަރުގެ ޑައިމަންޑް ދެއްވިކަން މި އޮތީ ފަޅާއަރައިފަ އެވެ. އަދި ބްރޫނާއިޣެ ރަސްގެފާނުގެ އެމަކަމަނާއަށް ހަދިޔާއަކަށް ދެއްވި 58،000 ޑޮލަރުގެ ގަހަނާގައި ވެސް އެކަމަނާ ޖެހިވަޑައިގަތް ކަން ވެސް މި އޮތީ މިހާރު ހާމަވެފަ އެވެ.

އެމެރިކާގެ ގާނޫނުތައް ހުރި ގޮތުން ސަރުކާރުގެ މުވައްޒަފަކު 350 ޑޮލަރަށް ވުރެ އަގުބޮޑު ހަދިޔާގައި ހިފުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އަދި އެ އުސޫލުން ބޭރު ވެއްޖެ ނަމަ އެއީ ރިޝްވަތު ކަމަށް ބެލެވޭނެ އެވެ. ތުހުމަތުތަކާއި ގުޅިގެން އެމެރިކާގެ ޖެނެރަލް ސަރވިސެސްގެ ޑިޕާޓްމެންޓުން ހިލަރީގެ ދިފާއުގައި ނިކުމެ ބުނެފައިވަނީ ހަދިޔާތަކުގައި ހިލަރީ ހިފަން ޖެހިވަޑައިގަތީ މަޖުބޫރުވެގެން ކަމަށެވެ. އެ ހަދިޔާތައް ގަބޫލު ނުކުރި ނަމަ ހާރިޖީ ގުޅުންތަކުގައި މައްސަލަތައް ޖެހި ކަންކަން ބޮއްސުން ލުމުގެ ފުރުސަތު އޮތުމުން ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު އެކަމަނާ ހުންނެވި ނުފޫޒު ގަދަ ހިސާބާއި އެކަމަނާގެ ސިޔާސީ ބާރުގަދަ ކަމާއި މަގުބޫލު ކަމުގެ ސަބަބުން މި ތުހުމަތުތަކުގައި އެކަމަނާ ބެދި ގާނޫނީ ގޮޅިއަކަށް އެކަމަނާ ފައްތާލުމަށް އޮންނަ ފުރުސަތު ވަރަށް ވެސް ކުޑަ އެވެ. 

މެލޭޝިޔާގެ ބޮޑު ވަޒީރު

މި އޭޝިޔާގައި އެންމެ މުއްސަދި އެއް ގައުމު އަދި އެންމެ ވަރުގަދަ އިގްތިސާދުގެ ގޮތުގައި އޮތް މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާކުގެ މައްޗަށް ވެސް މި ކުރެވެނީ ހިޔާނާތުގެ އެންމެ މަތީ ދަރަޖައިގެ ތުހުމަތެކެވެ. މި ތުހުމަތުތައް ރާއްޖޭގައި މި ކުރެވޭ ތުހުމަތުތަކާ ވެސް ވަރަށް ވެސް އެއްގޮތެވެ. މެލޭޝިޔާ ސަރުކާރުގެ ޑިވަލޮޕްމަންޓް ކުންފުނި، މެލޭޝިޔާ ޑިވަލޮޕްމަންޓް ބަރުހާދުގެ 2.67 ބިލިއަން ރިންގިޓް ބޮޑު ވަޒީރުގެ އަމިއްލަފުޅު ސިޔާސީ ކަންކަމަށް ހަރަދު ކުރެއްވުމުގެ ތުހުމަތު ގޮސް މި އެޅެނީ ބޮޑު ވަޒީރުގެ އިސްތަށިފުޅުގަ އެވެ. އެ ތުހުމަތުތަކަށް ބާރު ލިބެނީ ބޮޑު ވަޒީރުގެ އަމިއްލަފުޅު އެކައުންޓަށް 681 މިލިއަން ޑޮލަރު ޖަމާކޮށްފައި އޮތުމުންނެވެ. އެ ފައިސާ އަކީ ސަރުކާރުގެ ކުންފުނިން ގެއްލިގެން އުޅޭ ފައިސާ ކަމަށް ކުރެވޭ ތުހުމަތުތައް މި ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އެވާހަކަތައް ފަޅާ އެރުމާ އެކު ބޮޑު ވަޒީރު ވަނީ ކެބިނެޓް މިނިސްޓަރުންތަކަކާއި ހުދު އެޓާނީ ޖެނެރަލް ވެސް ނަގާ އެއްލައިލަފަ އެވެ. އަލަށް އައްޔަން ކުރެވުނު އެޓާނީ ޖެނެރަލް މައްސަލަ ބައްލަވާފައި ވިދާޅު ވަނީ އެ ފައިސާ އަކީ ސައުދީ ޝާހީ އާއިލާއިން އަމިއްލަ ގޮތުން ހަދިޔާގެ ގޮތުގައި ބޮޑު ވަޒީރަށް ދެއްވާފައިވާ ފައިސާ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާ ފަސޭހައިން ނަޖީބަށް ސަލާމަތް ވެވޭނެ ހެނެއް ހިއެއް ނުވެ އެވެ. އެ މައްސަލައިގެ ތެރެއަށް އެމެރިކާ އާއި ސަރަހައްދީ އެހެން ގައުމުތައް ވަދެ މައްސަލަ އިތުރަށް ހޫނު ކުރަން ވަނީ މަސައްކަތް ފަށައިފަ އެވެ.

ރަޝިޔާގެ ރައީސް

ދެން ލިސްޓްގައި މި އޮތް ބޭފުޅާ މައްޗަށް އެމެރިކާ އާއި ޔޫރަޕުން ނުކުރާކަށް ތުހުމަތެއް ނެތެވެ. ޕްޓިންގެ ވަރުގަދަ ވެރިކަން ފުޑުފުޑުކޮށްލަން އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ކުރާ މަސައްކަތުގައި ޕްޓިންގެ މައްޗަށް އަބަދުވެސް ކޮންމެވެސް ތުހުމަތެއް ނަގައި އޮންނާނީ ފަލަ ސުރުހީއަށް އަރުވައިފަ އެވެ. އެހެން ނަމަވެސް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓް ވަނީ ޕްޓިންގެ މައްޗަށް މަނީލޯންޑްރިން އާއި ދައުލަތުގެ ފައިސާ އިން އަމިއްލަ މިލްކިއްޔާތާއި ފުޅާކުރުމުގެ ތުހުމަތުތަކަށް ހެކި ހުރިކަމަށް ފުރަތަމަ ފަހަރަށް ފާޅުގައި ބުނެފަ އެވެ.

ބީބީސީގެ ޕްރޮގްރާމެއްގައި ފަޅާއަރުވާލި މި ވާހަކަތަކުގައިވާ ގޮތުން ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތައް ގާތްބޭފުޅުންނަށް ދީގެން އެތައް މިލިއަން ޑޮލަަރެއް ޕުޓިން އަމިއްލަފުޅަށް ނަންގަވާ ކަމަށް ވަނޫ ތުހުމަތު ކޮށްފަ އެވެ. އަދި އެމަނިކުފާނު ނަންގަވާ މުސާރަ އާއި އިނާޔަތްތަކާ ނުބައްދަލު އަދަދަކަށް ލަގްޒަރީ ޔޮޓްތަކާއި ޕްރައިވެޓް ޖެޓްތައް ޕުޓިން ގެންގުޅުއްވުމުގެ އަސްލަކީ ކޮބައިތޯ އެމެރިކާއިން އަންނަނީ ސުވާލުކުރަމުންނެވެ. އަދި ޕްޓިންގެ ގާތް ބޭފުޅުންނާއި މިނިސްޓަރުން އެ މީހުންނާ ނުބައްދަލު މުއްސަދި ކަމުގައި އުޅެނީ ވެސް މި ހުތުރު ފައިސާއިން ކަމަށް އެމެރިކާއިން މި ވަނީ ފަޅާއަރުވާލައިފަ އެވެ.

އެ މައްސަލައިގައި ރުޅިގަދަވެ، ރަޝިޔާއިން ބުނެފައި ވަނީ ޕްޓިންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށާއި އެއީ އޭނާގެ ބާރު ކަނޑުވާލައި ރަޝިޔާގައި ބައިބައިވުން އުފައްދަން ޔޫރަޕުން ގެންގުޅޭ ޕްރޮޕެގެންޑާގެ ބައެއް ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ރަޝިޔާގެ ވެރިކަމުގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ޕްޓިންގެ ރިޝްވަތުގެ ތުހުމަތުތައް ތަހުގީގު ކުރެވޭނެ މަގު އޮންނަނީ ބަންދުވެފަ އެވެ.

މި ގައުމުތަކެކޭ އެއްގޮތަށް މިދިޔަ އަހަރު މެދަކާ ހިސާބުން ރާއްޖޭގައި ފެށުނު ސިޔާސީ ޑްރާމާއަކީ ވަކި ކޮރަޕްޝަނުގެ ވާހަކަ މަދު ސިލްސިލާއެއް ނޫނެވެ. އެ ވާހަކަތަކާ ގުޅިލާމެހިގެން މިހާރު މި އަންނަނީ ރާއްޖޭގައި ހިނގަފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ އެވެ. އެމްއެމްޕީއާރުސީގެ އެއް ބިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ ތެރޭގައި އެތަކެއް ބަޔަކު ފިތި ތާށީވެ، އެއްބަޔަކު ރާއްޖެއިން ބޭރަށް ފިލައިފިއެވެ. ނަމަވެސް އަތުލައިގަނެވުނު މީހުން އެ ވަނީ ބަންދު ކޮށްފިއެވެ. ދުނިޔޭގެ ސިޔާސީ އެހެން ލީޑަރުންގެ މައްޗަށް މި ދުވަސްވަރު ކުރެވިފައި މިވާ ތުހުމަތުތައް ގޮތަށް ރާއްޖޭގެ ލީޑަރުން ވެސް ތިއްބަވަން ޖެހިވަޑައިގަންނަވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ތެރޭގަ އެވެ.