ރާއްޖޭގެ ރަށްތައް ވަކިން ހާއްސަކޮށް އާބާދީ ކުދި ރައްތައް ތަރައްގީ ނުވެ އޮތީ ގައުމު ހިންގެވި ވެރިން ސިޔާސީ ވިސްނުމުގައި މަސައްކަތް ކުރެއްވުމުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދް ސޯލިހު ވިދާޅުވެއްޖެ އެވެ.
މ. ނާލާފުށީގައި އެރަށު ރައްޔިތުންނާ މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަކީ ދުރު ވިސްނައިގެން އަދި ޕްލޭނަކާ އެކު މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. މިސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އަންނަ ރިޔާސީ އިންތިހާބުގައި ގިނަ ވޯޓު ހޯދޭނެ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި ގިނަ އަހަރުތަކަކަށް ދެމިގެންދާ ގޮތަށް މަޝްރޫއުތައް ހިންގުމަށް ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހިންގާ މަޝްރޫއުތަކަކީ ކުރިއަށް އޮތް 40، 50 އަހަރަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތައް،" ރައީސް ވިދާޅުވި އެވެ.
ރައިސް ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގައި މަސައްކަތް ކޮށްފައިވަނީ ފަސް އަހަރު ތެރޭގައި އޮންނަ އިންތިހާބުގައި ގިނަ ވޯޓު ހޯދޭ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ. އެގޮތުން އިންތިހާބުގައި ގިނަ ވޯޓު ލިބޭ ރަށްތަކަށް އިސްކަންދިނުމަށްފަހު އާބާދީ ކުދި ރަށްތަށް އަޅާނުލާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެ ތަފާތުތައް ނައްތާލާފައިވާނެ ކަމުގައި ވިދާޅުވި އެވެ.
"މި ވޭތުވެދިޔަ ތަނުގައި މިފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް މިއޮތީ އަޅުގަނޑު ދަންނަވާނީ އޭރުގައި ހުންނެވި ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރައްވާތީއޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ލިބިފައި ނެތް ރަށްރަށުގައިވެސް އެއްވެސް ތަފާތު ކުރުމެއް ނެތި މިސަރުކާރުން މަޝްރޫއުތައް ހިންގައިދީ އަސާސީ ހިދުމަތްތައް ދެމުންގެންދާ ކަމަށެވެ. ހުރިހާ ރަށަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދެނީ ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރުމަށް ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭގައި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން އެކަންޏެއް ނޫން،" ރައިސް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކުގައި އަމާންކަން ގާއިމުކުރުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ފުލުހުންގެ އިދާރާއަކީ މިއަދު ރާއްޖޭގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިމޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.