ރިޔާސީ އިންތިހާބު 2023

ވެރިކަމުގައި ތިބެ ވެރިކަން ބަދަލުކުރަން އެދޭ ބަޔަކު ތިބެ: ރައީސް

ވެރިކަމުގެ ތެރޭގައި ތިބެގެންވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން ބައެއް ބޭފުޅުންގެ ވިސްނުމުގައި ހުންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހއ. މާރަންދޫގެ ރައްޔިތުންނާ މިއަދު އެރަށުގައި ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅުގައި އޮވެ އެމްޑީޕީން މީގެކުރިން އިންތިހާބަށް ނިކުންނަނީ ސަރުކާރު ބަދަލުކޮށް ވެރިކަމަށް އައުމުގެ ބޭނުމުގައި ކަމަށެވެ. އެވިސްނުން ބަދަލުވެ ވެރިކަމުގައި ތިބެގެންވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން ބައެއް ބޭފުޅުން ގެންގުޅުއްވާ ކަމަށްވެސް ވިދާޅުވި އެވެ. މިކަމަކީ އެފަދަ ބޭފުޅުންގެ ކިބައިގައި ހަރުލާފައިވާ ސިފައަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އިޝާރާތްކޮށް ކަމަށް ބެލެވެ އެވެ. ނަމަވެސް ނަޝީދުގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

"އެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ބައެއް ބޭފުޅުންގެ އެބަހުރި. ޕާޓީ ތެރޭގައި ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން އެބަ ހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް އައުމަށް ފަހުގައި ވެރިކަން ދެމެހެއްޓުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ކަންކުރަންޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތަށް އަމަލުކުރަން ޖެހެނީ ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދުތައް ފުއްދަން ބޭނުންވާތީ ކަމަށާއި ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތަކަށް ވެެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ވެރިކަމުގައި ތިބެންވެސް ދަސްކުރަން ޖެހޭ. ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ އެކަން ކޮށްގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް އެމަނިކުފާނު ނިކުންނަވަނީވެސް 2018 ވަނަ އަހަރު އިންތިހާބުކުރި ސަރުކާރު ގޮތަށް ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ. އޭރު އޮތް ކޯލިޝަން ސަރުކާރު އަދިވެސް އެބައޮތް ކަމަށާއި ނޮވެމްބަރު މަހު މި ދައުރު ނިމި ދެން އޮތް ދައުރު ފެށެންދެކަށްވެސް މި ސަރުކާރު ދަމަހައްޓާނެ ކަމުގައި ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައް އެމަނިކުފާނާ އެކު ނެތް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ރައީސްއާ އެކު މިވަގުތުވެސް އެމްޑީއޭ އާއި އަދާލަތު ޕާޓީ އެބައޮތް ކަމަށާއި އެއީ މިވަގުތަށް އޮތް އެންމެ ބޮޑު ކޯލިޝަން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މާރަންދޫ އިން އެމްޑީޕީ އަށް ލިބުނީ 17 އިންސައްތަ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 58 އިންސައްތަ ވޯޓު ލިބުނު ކަމަށް ފާހަގަކުރެއްވި އެވެ. ރަށްރަށުން ލިބޭ ވޯޓުގެ ނަތީޖާ އިތުރުވަމުންދަނީ މި ސަރުކާރުގެ ވައުދުތައް ފުއްދައިދީ، އަދި ފުއްދައިދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާތީ ކަމުގައިވެސް ވިދާޅުވި އެވެ.

"2018 ވަނަ އަހަރު އަޅުގަނޑުމެން ރިޔާސީ އިންތިހާބަށް ނިކުންއިރާ މިހާރުގެ ހާލަތު ވަރަށް ބޮޑަށް ތަފާތު،" ރައީސް ވިދާޅުވި އެވެ.