ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނާލާފުށްޓާއި މުލީގެ މަޝްރޫއުތަކެއް އިފްތިތާހުކޮށްފި

މ. ނާލާފުށި އާ އިންޖީނުގެ އާއި ފެނަކަ އޮފީސް އާ އިމާރާތާއި މ. މުލީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލުމާ ގުޅިގެން މިމަޝްރޫއުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.

މި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ މި ރަށްތަކަށް ރައީސް ސޯލިހް މިއަދު ކުރެއްވި ކެމްޕޭން ދަތުރުފުޅެއް ގައެވެ.

ނާލާފުށީގައި އަލަށް އިމާރާތްކުރި އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނާ ގޮތުގައި އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 538 ކިލޯވޮޓް އެވެ. ކުރިން ނާލާފުށި އިންޖީނުގެ ހުރީ ރަށގެ މެދުގައި ކަމަށްވީ ނަމަވެސް އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

މުލީގައި ގާއިމުކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތްކޮށްފައިވަނީ، އެސްއެމްސީ އިންފްރާސްޓްރަކްޗަ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ރައީސް މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ނާލާފުށްޓަށް ވަޑައިގަތީ މިއަދު މެންދުރުފަހު އެވެ. މުއްޔަށް އެމަނިކުފާނު ވަޑައިގަތީ މިއަދު ހަވީރު އެވެ.