ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނާލާފުއްޓާއި މުލި ދެވަނަ ދައުރެއްގައި ގުޅާލެވޭނެ: ރައިސް

ރިޔާސީ ދެވަނަ ދައުރެއްގައި މ. ނާލާފުއްޓާއި މުލި ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދް ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ނާލާފުށްޓަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ އެ ރަށާއި މުލި ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު އެމަނިކުފާނު ކުރިންވެސް ވިދާޅުވި ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މުލީގައި އަޅަމުންދާ އެއާޕޯޓް މިއަހަރު ނިމުމާ އެކު ދެ ރަށް ގުޅާލުމުގެ މަސައްކަތް ފަށާނެ ކަމުގައި ވިދާޅުވި އެވެ.

"މި ރަށުގައި [ނާލާފުށީގައި] ލިބެންނެތް ހިދުމަތްތައް ހޯދުމަށްޓަކައި އޭރުން މުއްޔަށް ފަސޭހައިން އެއްގަމު މަގުން ދެވޭނެ ގޮތް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ނާލާފުއްޓާއި މުލި، ކޯޒްވޭއަކުން ގުޅާލުމަށް 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައިވެސް ހިމެނި އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ބަޖެޓުގައިވެސް މުލި ނާލާފުށި ކޯޒްވޭގެ މަޝްރޫއު ހިމެނި އެވެ.

ނާލާފުށީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ރަށުގައި މުޅިން އާބަނދަރެއް އެޅުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ. އަދި ދެން އަންނަ ދައުރެއްގައި ނާލާފުށީގެ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށާއި ބިން އިތުރުކޮށްގެން ފްލެޓް އަދި ރޯހައުސް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ކެމްޕޭންގައި މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޮޅުފުށްޓާއި ނާލާފުށީގެ އިތުރުން މުލި އަދި މުލަކަށް ވަޑައިގަންނަވާނެ އެވެ. އޭގެފަހުގައި ވ. އަތޮޅަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެ އެވެ.