ހަބަރު

އިންޑިއާގެ ސަލާމަތަށް އެންމެ ބޮޑު ނުރައްކަލަކީ ދިވެހިން؟!

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ހީނަރުވެލާ ކޮންމެ ފަހަރަކު އިންޑިއާގެ ނޫސްތަކުން ރާއްޖެއާ ޓެރަރިޒަމާ ގުޅުވައިގެން ވާހަކަ ދެއްކުން ވަރަށް ބޮޑަށް އިތުރުވެގެންދާކަން ފާހަގަވޭ ހެއްޔެވެ؟ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހިންގެ ބަޔަކު ހަމަލާ ދޭން އުޅުނު ކަމަށް ނުވަތަ ޕާކިސްތާނު ބަޔަކު ރާއްޖެ އަށް ގޮސް އިންޑިއާ އަށް އެތެރެވެގެން ހަމަލާ ދޭން މަސައްކަތްކުރާ ވާހަކަ އެވެ. އަދި ރާއްޖޭގެ ފަޅުރަށްތަކުގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަަތްތަކުން ތަމްރީން ހަދާ ވާހަކަ ވެސް ދައްކާ ފަހަރު އާދެ އެވެ.

ޓެރަރިޒަމަށް ހިތްވަރު ދޭ ދިވެހިން ނޫޅޭ ވާހަކައެއް ނޫނެވެ. ހަރުކަށި ހިޔާލުގައި ދީނުގެ ނަމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މީހުން ކޮންމެ ގައުމެއްގައި ވެސް ތިބޭނެ އެވެ. އެކަމަކު އިންޑިއާގެ މީޑިއާ އިން ރާއްޖެއާ ޓެރަރިޒަމާ ގުޅުވާއިރު ސާބިތު ހިފޭ އެއްވެސް މަސްދަރަކާ ހަވާލާ ނުދޭކަން ފާހަގަވޭ ހެއްޔެވެ؟

އަބަދުވެސް ބުނެފައި ހުންނަނީ ޖާސޫސީ އޮފިޝަލުންނާ ހަވާލާދީފަ އެވެ. ޖާސޫސީ އޮފިޝަލުންނަކީ ރަސްމީ ފަރާތަކަށް ވިޔަސް އެ ހަބަރަކާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި އިންޑިއާ އިން ދުވަހަކު ވެސް ވާހަކަ ދައްކާފައެއް ނުހުންނާނެ އެވެ. ފަހަރެއްގައި އިންޑިއާ ސަރުކާރުން މިކަމުގައި އެއްޗެއް ނުބުނަނީ ކަމަށް ވެދާނެ އެވެ. އެކަމަކު އިންޑިއާގެ ޖާސޫސީ މަސައްކަތް ބައްޓަންވެފައި އޮންނަ ގޮތުން މިއީ ވަރަށް ޝައްކު އުފެދޭ ކަމެކެވެ.

އިންޑިއާގެ ޖާސޫސީ އިދާރާ ރީސާޗް އެންޑް އެނަލިލިސް ވިންގް (ރޯ) ގެ މަސައްކަތް ބައްޓަން ވެފައި އޮންނަ ގޮތުން އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ސަރަހައްދީ ގައުމުތަކުގެ އިގްތިސާދީ އަދި ސިޔާސީ ކަންކަން އިންޑިއާ އަށް ފަހިވާ ގޮތަށް ބައްޓަން ކުރުން ހިމެނެ އެވެ. މާނަ އަކީ ރޯ އިން ކުރާ ހަމައެކަނި ކަމަކީ ޖާސޫސްކޮށްގެން މައުލޫމާތު ހޯދުން ނޫން ކަމެވެ. އިންޑިއާގެ މަސްލަހަތަށް ފައިދާވާނެ ގޮތަށް ބަލައިގެން މައުލޫމާތު ފެތުރުމަކީ ވެސް ރޯ އިން ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ކަމެއްކަން އެ އިދާރާގެ ކަންކަމާ ބެހޭ ގޮތުން ލިޔުއްވާފައިވާ ތަޖުރިބާކާރުން ވިދާޅުވެ އެވެ. މައުލޫމާތު ފެތުރުމުގެ ބޭނުމަށް ސީދާ ރޯ އިން ފަންޑުކޮށްގެން ހިންގާ ނޫސްތައް ހަދާފައިވެ އެވެ. މިކަމުގައި ދިވެހިން ވެސް ބައިވެރިކުރެ އެވެ. މިކަމުގެ ހެކި އެބަހުއްޓެވެ.

ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވެ އެވެ. އެކަމުގެ ފައިދާ އިންޑިއާ އިން ނަގަނީ ރާއްޖެއާ ޓެރަރިޒަމާ ގުޅުވައިގެންނެވެ. ސިޔާސީ ގޮތުންނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ އެކު އިންޑިއާގެ ނޫސްތަކުގައި ރާއްޖޭގެ ސުރުހީތައް އައިސްފައި ހުރި ގޮތް ބަލައިލުމުން މިކަމަށް ހެކި ލިބޭނެ އެވެ.

މިހާރު މި ދައްކަނީ އެމެރިކާގެ ރައީސް ބަަރަކް އޮބާމާ އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ދިވެހިންގެ ބަޔަކު ނުވަަތަ ލަންކާ ބަޔަކު އޮބާމާ އަށް ހަމަލާ ދޭން އުޅެފާނެ ކަމަށެވެ. މިކަމުގައި ބޮޑަށް ޝައްކު ކުރަނީ ދިގު މުއްދަތުގެ ވީސާގައި އިންޑިއާގައި ތިބި ދިވެހިންނާއި ލަންކާ މީހުންނަށެވެ. އެހެންވެ ދިވެހިންނާއި ލަންކާ މީހުންނަށް ފާރަވެރިވުން އިތުުރުކޮށްފައިވާ ކަމަށް "ޖާސޫސީ އޮފިޝަލުން"ނާ ހަވާލާދީ ބުނެފައިވެ އެވެ.

އިންޑިއާ އަށް ދޭ ހަމަލާތަކާ ދިވެހިންނާ ގުޅުވައިގެން އިންޑިއާގެ ނޫސްތަކުން ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް ދުވަހަކު ވެސް އެފަދަ ކަމެއް ސާބިތުވެފައެއް ނުވެ އެވެ. ޝައްކު ކުރެވޭ އެތައް ސަތޭކަ ބަޔަކު އިންޑިއާ އިން ހައްޔަރު ކުރާއިރު ދުވަހަކު ވެސް ދިވެއްސަކު ނުހިމެނެ އެވެ. އެކަަމަކު އިންޑިއާގެ މުމްބާއީ އަށް ދިން ހަމަލާތަކުގައި ދިވެއްސަކު ބައިވެރިވި ކަމަށް ތުންތުން މަތިން ވާހަކަ ދެކެވެ އެވެ. އެ ހަމަލާއާ ވައި އެޅުނު މީހެއްގެ މައުލޫމާތު ވެސް އިންޑިއާ އިން ސިއްރު ނުކޮށް ހާމަކޮށްފައި ވާއިރު ދިވެެއްސެއްގެ ވާހަކައެއް ނުބުނެ އެވެ. އިންޑިއާގެ ނޫސްތަކަށް އެއްކަލަ ޖާސޫސީ އޮފިޝަލުން ވެސް މި މައުލޫމާތެއް ނުދެ އެވެ.

ދިވެހި ނޫސްވެރިންނަށް ވެސް ދިވެހި ޖާސޫސީ އޮފިޝަލުންނާ ހަމަޔަށް ވާސިލު ވެވެ އެވެ. އެ އޮފިޝަލުން ވިދާޅުވާ ގޮތުން ނަމަ އިންޑިއާ އިން ދަނީ ދިވެހި ފުލުހުން ހިއްސާކުރާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އަމިއްލަ ފައިދާ އަށް ބޭނުންކުރަމުންނެވެ. އެކަމަކު މިކަން ހުއްޓުވަން ދިވެހި ފުލުހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެެތެވެ. ހަނގުރާމަވެރިންނާ ކިރިޔާ ވެސް ގުޅުމެއް ހުރި ކަމަށް ބެލެވޭ ދިވެއްސަކު އުޅޭ ނަމަ އިންޑިއާގެ ޖާސޫސުން ދިވެހި ފުލުހުންނަށް ބާރު އަޅައިގެން އެ މީހެއްގެ ހުރިހާ މައުލޫމާތެއް އެއްކުރެ އެވެ. އެކަމަކު އެ މައުލޫމާތުތައް އެންމެ ފަހުން ފެންނަނީ އިންޑިއާގެ ކޮންމެވެސް ނޫހެއްގައި، މައުލޫމާތުތައް މައްސުނިކޮށް އިންޑިއާ އަށް ފައިދާވާ ގޮތަށް އޮޅުވާލާފައި ހުއްޓަ އެވެ. މިއީ މިކަން ހިނގާ މަގެވެ.

އިންޑިއާގެ ޖާސޫސީ ހަރަކާތްތައް ވަރަށް ފުޅަލެވެ. މިފަހަކަށް އައިސް ރާއްޖެ އަށް ވަނީ ވަރަށް ބޮޑަށް އަމާޒު ހިފައިފަ އެވެ. ސިޔާސީ ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފަ އެވެ.