ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަތްމަންދޫ އާ އިންޖީނުގެ ހުޅުވައިފި

މ. ރަތްމަންދޫ އާ އިންޖީނުގެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

ރަތްމަންދޫގެ އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް ސޯލިހް މިހާރު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ރަތްމަންދޫއަށް ކުރެއްވި ޒިޔާރާތު ގައެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ މި އިންޖީނުގެ އަކީ ކަރަންޓުގެ ހިދުމަތުގެ އިތުރުން ބޭނުންވާނޭ އިތުރު ހިދުމަތްތައް ދެވޭ ވަރުގެ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ.

ރަތްމަންދޫ އާ އިންޖީނުގޭގައި ތިން ޖަނަރޭޓަރު ސެޓް ބަހައްޓާފައިވާއިރު މި ޖަނަރޭޓަރުތަކުން ޖުމްލަ 480 ކިލޯވޮޓްގެ ކަރަންޓު އުފައްދަ އެވެ. ރަތްމަންދޫގައި ކުރިން ބޭނުންކުރި ތިން ޖަނަރޭޓަރުން އުފެއްދީ ޖުމްލަ 384 ކިލޯވޮޓްގެ ކަރަންޓެވެ.

ރަތްމަންދޫގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރިން ބޭނުންކުރި އިންޖީންގެއަކީ 25 އަހަރުވީ ތަނެކެވެ. ކުރީގެ އިންޖީންގޭގައި ހަމަ އެކަނި ކޮންޓްރޯލް ރޫމް އަދި އިންޖީނު ރޫމްގެ ހިދުމަތް ލިބުނު ކަމުގައިވީ ނަމަވެސް އަލަށް އިމާރާތްކޮށް ހުޅުވުނު އިންޖީންގޭގައި މި ދެ ހިދުމަތުގެ އިތުރުން ސްޓޯ ރޫމަކާއި އަދި ވޯކްޝޮޕް ހިމެނެ އެވެ.

ރައީސް ސާލިހްގެ މިދައުރުގައި މިހާތަނަށް ވަނީ މުޅިން އަލަށް 73 އިންޖީނުގެއެއް އަޅުއްވާ ހުޅުއްވައިދެއްވާފަ އެވެ.