ރަކީދޫ

ރަކީދޫގައި ފުރަތަމަ ފަހަރަށް ހެދި ބަނދަރު ހުޅުވައިފި

ވ. ރަކީދޫގައި ފުރަތަމަ ފަހަރަށް ހެދި ބަނދަރު ހުޅުވައިފި އެވެ.

މިބަނދަރު މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ރަކީދޫއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ގައެވެ.

ރަކީދޫ ބަނދަރު ހެދުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހްގެ ވެރިކަމުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.

ރަކީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 1، 2019 ގައެވެ. މިއީ ދައުލަތުގެ ބަޖެޓުން 18.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މަޝްރޫ އެކެވެ.

ބަނދަރުގެ މަޝްރޫއު ނިންމާލިއިރު 156 މީޓަރު ދިގު ބޭރު ތޮށްޓަކާއި 164 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލާފައިވެ އެވެ. އަދި 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާ، ބަނދަރުގެ 492 އަކަމީޓަރު ސަރަހައްދެގައި ޕޭމަންޓު މަގެއްވެސް ހަދާފައިވެ އެވެ. މީގެ އިތުރުން މަގުބައްތި އާއި ނެރުބައްތިވެސް ހަރުކޮށްފައިވެ އެވެ.

ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި 200 މީޓަރު ސަރަހައްދެއްގައި ވަނީ ބޭރުތޮށިލާފަ އެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި 40 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ސަރަހައްދެއް ފުންކޮށްދީފައިވެ އެވެ.