މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ޖަލު އޮފިސަރުންތަކެއް ވަޒީފާއިން ވަކިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރަމުން އައި ތިން ޖަލު އޮފިސަރަކު، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން ވަޒީފާއިން ވަކިކޮށްފި އެވެ.

ކަރެކްޝަނުން ބުނީ ރަސްމީ ޑިއުޓީގައި އުޅުނުއިރު އެމީހުންގެ އަމަލުތައް ހުރިގޮތުން މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން، އެމީހުންގެ ކުޑަކަމުދާ އެއްޗެތި ޓެސްޓް ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާރު އެމީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެ ތިން މީހުން ވަކި ކުރީ ވަޒީފާއާ ބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

އަދި އެ ތިން އޮފިސަރުން ވަޒީފާއިން ވަކިކުރީ ކަރެކްޝަނަލް ސާވިސްގައި ގާއިމްކޮށްފައިވާ ޑިސިޕްލިނަރީ ބޯޑުން އެމައްސަލަ ބެލުމަށްފަހު އެބޯޑުގެ ލަފާގެ މަތިންނެވެ.

ކަރެކްޝަންގެ ގާޑުން ޖަލަށް މަސްތުވާތަކެތި ވައްދާ މައްސަލަ މީގެ ކުރިން ދޭތެރެ ދޭތެރެއިން ދިމާވެ އެވެ.