މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޑްރަގު ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރުގައި 44 ގައިދީން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން 44 ގައިދީންނާއިއެކު ޕްރިޒަން - ބޭސްޑް ޑްރަގު ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި އެވެ.

މާފުށި ޖަލުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މިއަދު އިފްތިތާހް ކުރެވުނު މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހިބިލިޓޭޓްކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގު ޓްރީޓްމަންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ޒިންމާދާރު ހެޔޮލަފާ ފަރާތްތަކެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އަނެއްކާވެސް އުސް ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް. އަދި މިކަން ހައްލުކުރަން ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެނެސް މަސައްކަތްތައް ކުރެވުނަސް މިކަމުގެ ޗެލެންޖުތައް އިންތިހާއަށް ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.

މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާ ކަމަށާއި މީގެތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ގައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް ނެރުމަކީ ކަރެކްޝަންސްގެ މައިގަނޑު މުހިއްމު އެއް މަސައްކަތް ކަމަށެވެ. މިކަން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމްސީއެސްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ވޭތުވެ ދިޔަ ދޮޅު އަހަރަށް ބަލާއިރު ކައުންސެލިން ސޯޝަލް ވޯކް އަދި ސައިކޮލަޖީގެ ދާއިރާއިން ކިޔަވާފައި ތިބި ފަންނީ މުވައްޒަފުން ވަނީ އިތުރުކުރެވިފައި،" ކޮމިޝަނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ ހަތަރު މަރުހަލާ އަކަށެވެ. ފުރަތަމަ މަރުހަލާ އަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާ އެވެ. ދެވަނަ މަރުހަލާ އަކީ ރީހެބިލިޓޭޝަން މަރުހަލާ އެވެ. މި މަރުހަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެ އެވެ.

ތިންވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖުތަމައަށް ނެރުމުގެ ކުރިން ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމައުން ލިބެންހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމައަށް ނެރުމަށް މަސައްކަތް ކުރެވިގެންދާނެ އެވެ. އަދި ހަތަރުވަނަ މަރުހަލާ އަކީ އަފްޓާ ކެއާ ސާވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމައަށް ނެރޭ ފަރާތްތައް މޮނިޓާ ކުރާ މަރުހާލާ އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް 40 ގައިދީންނާއެކު ފެށީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. ފުރަތަމަ ބުރު 32 ގައިދީންނާއެކު ނިންމާލީ މިދިޔަ އޮގަސްޓް 23 ވަނަ ދުވަހު އެވެ.