ހަބަރު

ގަހަކުން ވެއްޓުނު މީހެއްގެ ދެ ފައިން ވާގި ނެތިއްޖެ

ގަހަކުން ވެއްޓި ޒުވާނެއްގެ ދެ ފައިން ވާގި ނެތި މައިބަދައަށާއި ކަނދުރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ގަހަކުން ވެއްޓި އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނީ، ގއ. ވިލިނގިލި ކިނބިމާގެ، ޝިމާޒް ރަފީގަށެވެ.

ފ. ނިލަންދޫ މީހަކާ ކައިވެނިކޮށްގެން، އެެރަށުގައި ދިރިއުޅޭ ޝިމާޒް ގަހަކުން ވެއްޓިފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ޝިމާޒަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލް ޑެޕިއުޓީ ޑިރެކްޓަރު، އަބްދުލް ކަރީމް އަވަސްއަށް ވިދާޅުވީ، ޝިމާޒްގެ ބޭރު ފުށުން މާބޮޑު ގެއްލުންތަކެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް މައިބަދައަށާއި ކަނދުރާއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އަބްދުލް ކަރީމް ވިދާޅުވީ، އިތުރަށް ފަރުވާ ދިނުމަށް ޝިމާޒް އައިޖީއެމްއެޗްއަށް ފޮނުވާލީ ޝިމާޒްގެ ހަށިގަނޑުގެ ތިރީ ބައިގައި އިހުސާސް ނެތީމަ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަވަސްއަށް ވިދާޅުވީ، އިއްޔެ ހެނދުނު ގަހަކުން ވެއްޓި ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެނެސް މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ޒީނަތު ވިދާޅުވީ، އޭނާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.