ދައުލަތެއްގެ ގޮތުގައި ކަންކަން ނިންމުމުގެ ބާރު ދިވެހި ދައުލަތަށް ގެއްލިފައިވާ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން ނާޒިމު ދެއްވި ވީޑިއޯ ހިތާބެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ދިދަ ޖައްވުގައި ވިހުރެމުން ދިޔަ ނަމަވެސް ގައުމުގެ ހާލަތު އޮތީ މިނިވަންކަން ފުރިހަމައަށް ހިފަހެއްޓިފައި އޮތް ކަމަށް ބުނަން އުދަގޫ ހާލަތެއް ކަމަށެވެ.
ނާޒިމު ވިދާޅުވި ގޮތުގައި ދިވެހި ދައުލަތުގެ އަމިއްލަ ބާރުތައް ގެއްލެމުންދާ ކަމުގެ އިންޒާރުގެ ރަނގަބީލާއި ޒުވާނުންގެ މުސްތަގުބަލަށް އިހްމާލުވެ މުސްތަގުބަލް ގެއްލިގެންދާ ކަމުގެ އިންޒާރުގެ ރަނގަބީލް ދަނީ ޖެހެމުންނެވެ.
"މިއަދު މިއިންޒާރުތައް ބަލައިގަނެ އެކަންކަން ރަނގަޅުކުރުމަކީ ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއް. އެކަން ކުރާކަށް އެހެން ބަޔަކު ނާންނާނެ. އަންނާކަށް ނުވެސް ޖެހޭނެ،" ނާޒިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުން އެންމެ ކުދިކުދި ކަންކަމުގައި ބޭރު ގައުމުތަކަށް ބަރޯސާވަމުންދާ ކަމަށެވެ. ގައުމުގައި ހުރީ ދެމަސް ދުވަހުގެ ކާޑު ގަންނަވަރުގެ ފައިސާކޮޅެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ. އަދި ދިވެހިންގެ ހަރުމުދާ ހުރީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިފައި ނޫން ކަމަށް ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ ދިވެހިންގެ ހަރުމުދާ ސަރުކާރުން ވިއްކަމުންދާ ކަމަށެވެ.
"ބޯފެން ހޯދުމަށް ވެސް ބަރޯސާ ވާން ޖެހޭނީ ބޭރު ގައުމުތަކަށް. ރާއްޖޭގެ ހަރުމުދާ ހުރީ ގާނޫނީ ގޮތުން ރައްކާތެރި ކުރެވިފައެއް ނޫން. އަދި ގާނޫނީ އޮނިގަނޑުގައި ހުރި ބާތަކުގެ ބޭނުން ހިފައިގެން ސަރުކާރުން ދަނީ ދައުލަތުގެ މުދާ ނުއަގުގައި ވިއްކަމުން" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމެއް އުފެއްދުމަކީ މުގައްދަސް ބުރަ މަސައްކަތެއް ކަމަށެވެ. އަދި ގައުމެއްގެ މިނިވަންކަން ހިފެހެއްޓުމަކީ މާއުނދަގޫ ބުރަ ކަމެއް ކަމަށެވެ. ގައުމިއްޔަތުގެ ފޭރާމުގައި ހުރި ބާތައް ބެއްދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބައިނަލްއަގުވާމީ ގާނޫނުތަކުންނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ދިވެހީންނަށް ކަށަވަރުކޮށްދީފައިވާ ދިވެހީންގެ މަސްކަނޑުގެ 45،000 ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ވިއްކާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެ އާއި މޮރިޝަސް އާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހިގޮތް ހިތްހަމަނުޖެހޭތީ ނާޒިމު ހިމެނޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެއީ ކަނޑު ވިއްކާލުން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާ ދުވަަސް ގާތްވެފައިވާއިރު އިލެކްޝަންސް ކޮމިޝަން ތެރޭގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ނާޒިމު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނާޒިމު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަން އޮތީ ސިޔާސީ ކޯޅުމުގައި މަރުތަޅު އެޅިފަ އެވެ.