ހަބަރު

މަހުލޫފަށް ދައުވާކުރަނީ ފުލުހުންނަށް ފިލަން އުޅުނު ކަމަށް ބުނެ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ، ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި ފިލަން މަސައްކަތްކުރުމުން ކަމަށް ޕީޖީއިން ބުނެފި އެވެ. މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލާ ދައުވާ އިއްވާފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަށް ފަހު ކޯޓުން ނެރެގެން ގެންދިޔަ ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ދައުވާ ސާފުވެއްޖެތޯ މަހުލޫފާ ސުވާލުކުރުމުން މަހުލޫފު ވަނީ ދައުވާ ސާފުކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލާގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ވިދާޅުވި އެވެ. މަހުލޫފު ވިދާޅުވީ، ވަކާލާތު ކުރުމުގެ ހުއްދަ ބާތިލްކޮށްފާނެތީ އޭނާގެ ވަކީލަކަށްވުމަށް ވަކީލުން ޖެހިލުންވާ ކަމަށެވެ. ވަކީލަކު ހަމަޖެއްސުމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި ދައުވާ މަހުލޫފުގެ މައްޗަށް ސާބިތުވި ނަމަވެސް މަހުލޫފުގެ ގޮނޑި ނުގެއްލޭނެ އެވެ. ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވެނީ ހަ މަހުގެ ޖަލު ހުކުމެކެވެ. ގޮނޑި ގެއްލޭނީ މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްގެންނެވެ.

އަޑުއެހުން ނިންމާލުމަށްފަހު، ޖަސްޓިސް ބިލްޑިން ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެންބަރު މަހުލޫފު ވިދާޅުވީ، މިއަދު ކޯޓު ރޫމަށް ވަނުމުން ބޮޑު ހިންހަމަ ޖެހުމެއް ލިބުނު ކަމަށާއި ކޯޓުތަކުގެ ތެރޭގައި ވެސް ރަނގަޅު ބަޔަކު އެބަ ތިބި ކަމަށެވެ.

"މިއަދު އަޅުގަނޑު މިތަނަށް ވަނީމަ އަޅުގަނޑަށް އިހުސާސްވީ އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑުމެން ދައްކާ ވާހަކަ އަޑުއަހައި އަޅުގަނޑުމެންގެ ހެކީންނާއި އެހެން ގޮތްގޮތުން ވެސް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ބަލައިގަތުމަށް މިކަން ކުރިއަށް ރަނގަޅަށް ދާނެކަން، މި މައްސަލަ ބައްލަވަން އިންނެވި ފަނޑިޔާރާއެކު އަޅުގަނޑަށް ވެސް އިންސާފަކަށް، އެއީ އަޅުގަނޑު ކުށްވެރިވަންޏާ ކުށްވެރިވުން ނުވަންޏާ ނުވުން، ރަނގަޅު ގޮތެއްގައި ނިމިގެންދާނެ ކަމަށް ގަބޫލުކުރަން، އަޅުގަނޑު މިހުރީ މި މައްސަލާގައި ކުރިއަށްދާން،" މަހުލޫފް ވިދާޅުވި އެވެ.

މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ގާޒީ ވަނީ މި މައްސަލަ އަވަހަށް ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށް ވިދާޅުވެފަ އެވެ.