މިނިވަން ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވަން ނިންމި މިނިވަން އުފާ ކާނިވާ ފަސްކޮށްފި އެވެ.
ހޯމް މިިނިސްޓްރީ އާއި އާބަންކޯ އިން ބުނި ގޮތުގައި މިނިވަން އުފާ ކާނިވާ ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ -- އެޗްޕީއޭގެ ލަފާގެ މަތިންނެވެ.
ކާނިވާ ހުޅުވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށްވެސް ހޯމް މިނިސްޓްރީ އާއި އާބަންކޯ އިން ވަނީ ބުނެފަ އެވެ.
މިނިވަން ދުވަހާ ގުޅިގެން ބާއްވަން ހަމަޖައްސާފައިވާ ހަވާ އެރުވުމުގެ ހަރަކާތްވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.
މިނިވަން ދުވަސް ފާހަގަކުރަން ބާއްވަން ނިންމި ކާނިވާ ފަސްކޮށްފައި މިވަނީ ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ފުރިފައިވަނިކޮށެވެ.
އޭޑީކޭ އާއި އައިޖީއެމްއެޗް އިން ވަނީ އިއްޔެ އިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ބުނެފަ އެވެ.
ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލާއި ސިފައިންގެ ހޮސްޕިޓަލް -- ސެނަހިޔާގައި ވެސް ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދާ ކަމަށް އެނގިފައިވެ އެވެ.
މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ވަކި ސަބަބެއް އެނގިފައި ނުވާތީ އެކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.