މިނިސްޓްރީ އޮފް ހޯމް އެފެއާޒް

މިނިވަން ދުވަސް ފާހަގަކުރަން ކާނިވަލެއް ބާއްވަނީ

މިނިވަން ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީއާއި އާބަންކޯ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާނިވަލެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

"މިނިވަން އުފާ ކާނިވާ"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ މި ކާނިވާ އޮންނާނީ މިމަހުގެ 28 އިން އޮގަސްޓް ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކާނިވާ ހުޅުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ބޮޑުބެރާއި ސަގާފީ ތަފާތު ކުޅިވަރުތަކާއި ޒަމާނީ މިޔުޒިކް އަދި ނެށުމުގެ ހަރަކާތްތަކަށް ޝައުގުވެރިވާ މީހުން ކާނިވަލުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މީގެއިތުރުން ވަކިވަކި ފަންނާނުންގެ މުނިފޫހިފިލުވުމުގެ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ދޭންވެސް ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ.

މި ކާނިވަލުގައި ކާބޯތަކެތި ވިއްކުމަށް 40 ސްޓޯލް ދޫކުރުމަށް ނިންމާފައިވާއިރު މުނިފޫހިފިލުވުމާއި ކުޅިވަރަށް ހާއްސަކޮށް 20 ސްޓޯލް ދޭން ހޯމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މި ކާނިވާގައި ފުޑް ސްޓޯލް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޮންމެ މީހަކަށްވެސް ހިޔާކޮށްފައިވާ ސްޓޯލެއް ގޮނޑި އާއި މޭޒާއެކު ލިބޭނެ އެވެ. ސްޓޯލުގައި ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ ލިބޭނީ ސްޓޯލް ހިންގާ މީހުންނަށް ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ ކުޅިވަރު ސްޓޯލްތަކަށް ބޭނުންވާ ޖާގަވެސް ފޯރުކޮށްދޭނެ ކަމަށާއި ނަމަވެސް ސްޓޯލްތަކުން ހިންގާ ކުޅިވަރާއި ކުޅިވަރު ހަރަކާތުގެ ސެޓަޕް ހަމަޖައްސަން ޖެހޭނީ އެ ހަރަކާތް ހިންގާ މީހުން ކަމަށެވެ.

ކާނިވަލުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.