މިނިވަން ދުވަސް

މިނިވަން އުފާ ކާނިވާ މިރޭ ހުޅުވަނީ

މިނިވަން ދުވަސް ފާހަގަކުރުމަށް ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވަން ނިންމި މިނިވަން އުފާ ކާނިވާ މިރޭ ހުޅުވުމަށް ނިންމައިފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި މިނިވަން އުފާ ކާނިވާ ހުޅުވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00ގަ އެވެ.

"ކާނިވަލްގެ ތައްޔާރީތަކަށް ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދު މިއަދު ހަވީރު 4:00 ފެށިގެން ބަންދުވާނެ،" އާބަންކޯ އިން ބުނެފައިވެ އެވެ.

މިނިވަން އުފާ ކާނިވާ ހުޅުވަން ކުރިން ނިންމާފައި އޮތީ ރޭ އެވެ. ނަމަވެސް ރޭ ކާނިވާ ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ -- އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ހޯމް މިނިސްޓްރީ އާއި އާބަންކޯ އިން ވަނީ ބުނެފަ އެވެ.

މި ކާނިވަލުގައި ކާބޯތަކެތި ވިއްކުމަށް ސްޓޯލްތަކެއް ދޫކުރާއިރު ކުޅިވަރަށް ހާއްސަ ސްޓޯލްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މި ކާނިވާގައި ބޮޑުބެރާއި ސަގާފީ ތަފާތު ކުޅިވަރުތަކާއި ޒަމާނީ މިޔުޒިކް އަދި ނެށުމުގެ ހަރަކާތްތައް ދައްކާލާނެ އެވެ.