ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި ފުރަތަމަ ހަ މަހުން 51 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 51.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 49.5 މިލިއަން ރުފިޔާއަށްވުރެ 3.5 ޕަސަންޓު އިތުރުވުމެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މަހުން މަހަށް

  • ޖެނުއަރީ - 5.1 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 5 މިލިއަން ރުފިޔާ
  • މާޗް - 11.1 މިލިއަން ރުފިޔާ
  • އެޕްރީލް - 22.3 މިލިއަން ރުފިޔާ
  • މޭ - 4.5 މިލިއަން ރުފިޔާ
  • ޖޫން - 3.1 މިލިއަން ރުފިޔާ

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ. މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7312.55 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.