ފޮރިން މިނިސްޓްރީ

ޖަޕާނުން ވިސާގެ ލުއިދީ ސްކޮލާޝިޕް އިތުރުކޮށްދޭން އެއްބަސްވެއްޖެ

ޖަޕާނުން ރާއްޖެއަށް ހަމަޖައްސައިދީފައިވާ ސްކޮލާޝިޕް އިތުރުކުރުމަށާއި ވިސާގެ ކަންކަމުގައި ލުއި ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ޖަޕާނާއި ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

މިއަދު ސޮއި ކުރި ވިސާ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށް 90 ދުވަހަށް ތިބެވޭނެ އެވެ. ސްކޮލާޝިޕް އިތުރުކޮށްދޭން ޖަޕާނުން ނިންމީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރަން ޖެހިފައިވާ ދާއިރާތަކުންނެވެ. އެގޮތުން ޖަޕާންގައި މިހާރު ކިޔަވަމުންދާ 10 ދަރިވަރުންގެ އިތުރުން މިއަހަރު އިތުރު ހަ ދަރިވަރަކަށް ޖަޕާންގައި ކިޔެވުމަށް ފުރުސަތު ލިބޭނެ އެވެ. އިތުރުވާ ސްކޮލާޝިޕްތަކަށް ޖަޕާނުން 13 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާނެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް އާއި ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު އެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ހާޒިރުގައެވެ. ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރޭ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިއީ ޖަޕާންގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ.

ދިވެހިރާއްޖެއިން ޖަޕާނާ އެކު ސިޔާސީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 14، 1967 ގައެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ގިނަ އެހީތައް ފޯރުކޮށްދީފައިވާ އަދި ރާއްޖޭގެ ޒަމާންވީ ރަހްމަތްތެރިއެކެވެ.