ފޮރިން މިނިސްޓްރީ

ޖަޕާންގެ ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި

ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރު ހަޔާޝީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ.

މިނިސްޓަރު ހަޔާޝީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ.

ހަޔާޝީގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމަކާއި ޖަޕާނުން ރާއްޖެއަށް ދޭ ސްކޮލާޝިޕް އިތުރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފައިވެ އެވެ.

މިނިސްޓަރު ހަޔާޝީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ ޖަޕާނު ސަރުކާރުގެ އެހީގައި އަޅާފައިވާ ކަލާފާނު ސްކޫލަށާއި ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށާ ލާފައިވާ ބޮޑު ހިލައިގެ ތޮށިގަނޑު އޮތް ސަރަހައްދަށް ވަޑައިގެން އެތަންތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

މިނިސްޓަރު ހަޔާޝީގެ މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާވެސް ބައްދަލުކުރެއްވި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރެއް އެންމެ ފަހުން ރާއްޖެ ވަޑައިގަންފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ.