ފިނިޕޭޖް

ބުރުގާ އަޅަން ރާފިޔަތު ތައްޔާރު! ލަވަކިޔުން ހުއްޓާލާނެތަ؟

  • ކައިރި މުސްތަގުބަލެއްގައި ބުރުގާ އަޅައިގެން ހުއްޓައި ފެނިދާނެ
  • ބުރުގާ އަޅާނީ އަޅަން ޖެހޭ އެންމެ ރަނގަޅު ގޮތަށް ކަމަށް ބުނި
  • އަލީ ރަމީޒު ސިފަކުރަނީ ބައްޕައެއް ކަހަލަ ބޭބެއެއްގެ ގޮތުގައި

ފޮޓޯތަކުން ތިޔަ ފެންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާގެ އުމުރަކީ ކޮބައިކަން ބުނަން އެނގިދާނެ ހެއްޔެވެ؟ އެއީ އެހާ ފަސޭހަކަމެއް ނޫންކަން އަޅުގަނޑުމެންނަށް ވެސް އެނގެ އެވެ. ރާފިޔަތަކީ އޭނާގެ ސިފައަކަށް ބަދަލެއް އައުމެއް ނެތް އަދި އެ ޓްރޭޑްމާކް އަޑަކަށް ވެސް ބަދަލެއް އައުމެއް ނެތް ފަންނާނެކެވެ.

އަންނަ މާޗް މަހު މި ކުޅަދާނަ ލަވަކިޔުންތެރިޔާ ފާހަގަކުރާނީ އޭނާގެ 40 ވަނަ އުފަންދުވަހެވެ. ފަހަރެއްގައި 40 ވަނަ އުފަން ދުވަހަކީ ރާފިޔަތުގެ ހަޔާތަށް ބޮޑު ބަދަލުތަކެއް އައިސްފާނެ ދުވަހެކެވެ. މި އިންޓަވިއުގައި އޭނާ ބުނެފައި ވަނީ ނިކަން ކައިރި މުސްތަގުބަލެއްގައި ބުރުގާ އަޅައިގެން ހުއްޓާ ވެސް ފެނިދާނެ ކަމަށެވެ.

އަނެއްކާ ލަވަކިޔުން ވެސް ހުއްޓާލަނީތޯ އެވެ؟ އެއެއް ބަލައިލުމަށް ޖެހޭނީ އިންޓަވިއު ފެށިގެން ނިމެންދެން ކިޔާލާށެވެ.

ދިވެހި ލަވައިގެ ރަން ޒަމާނުގައި އޭގެ ތަހުތު ބެލެހެއްޓި "ރަމީޒު" އާއިލާ އަށް ނިސްބަތްވާ ރާފިޔަތަކީ އެ އާއިލާ އިން މިއަދާ ހަމަ އަށް މެދުނުކެނޑި ހުރި ހަމައެކަނި އަޑެވެ. ހަމައެކަނި ހިތްގައިމުކަމެވެ. ބޭބެ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އާއި އިބްރާހިމް ރަމީޒު ވެސް ލަވަކިޔުން ހުއްޓާލުމަށް ފަހު އެ ދުނިޔެ އަށް އަލްވަދާއުކީ އެވެ.

އެއަށް ފަހު އަބަދުވެސް މީހުން ކުރާ ސުވާލަކަށް ވެފައި އޮތީ މި ސުވާލެވެ. ރާފިޔަތު ރަމީޒާ ލަވައިގެ ދުނިޔެ އަށް ޓާޓާކިޔާނީ ކޮން އިރަކުންތޯއެވެ؟ މި އިންޓަވިއުގައި އޭނާ ވަނީ މި ސުވާލަށް އަދި ލަވަ އާއި މިއުޒިކާ ގުޅޭ މިފަދަ ޝައުގުވެރިވަނި އެތައް ސުވާލަކަށް ވެސް ޖަވާބު ދީފަ އެވެ.

އެހެންވީމަ މިހައި ހިސާބުން "އަވަސް ވީކެންޑް" ގެ މި އިންޓަވިއު އަށް ޖެހިލަމާ ހިނގާށެވެ.

ސޯލޯ އަލްބަމްގެ މަސައްކަތް ކުރާ އަޑު އިވިފައި އޮތީ. ކޮބާ އޭގެ މަސައްކަތް ކިހާ ހިސާބެއްގައި އޮތީ؟ ހިނގާ އެންމެ ފުރަތަމަ ވެސް މަސައްކަތުގެ އަޕްޑޭޓަކުން ފަށައިގަންނަމާ ދޯ؟

"ސޯލޯ އަލްބަމްގެ މަސައްކަތް މިދިޔަ ދުވަސްތަކުގައި އޮތީ މެދުކެނޑިފައި. ގާތްގަނޑަކަށް އަހަރެއްވަރު. މެދުކެނޑިފައި އޮވެފައި މިހާރު އަނެއްކާވެސް އަލުން އަލްބަމްގެ މަސައްކަތް ކުރަމުން ދަނީ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ސޯލޯ އަލްބަމެއް އަޅުގަނޑުގެ ސަޕޯޓަރުންނާ ހަމަ އަށް ގެނެސްދެވޭނެ. ވަރަށް ފޯރިއާ އެކު މަސައްކަތްކުރަމުން މި ދަނީ."

ރާފިޔަތަކީ ވަރަށް ހިތާމަވެރި ރާގުތަކަށް ލަވަކިޔަން މަޝްހޫރު އަޑެއް. އަބަދުވެސް އަޅުގަނޑުމެންނަށް އެންމެ އާންމުކޮށް ރާފިޔަތުގެ އަޑު އިވޭނީ ހިތާމަވެރި ރާގަކަށް ދާ ލަވައަކުން. ހިތާމަވެރި ލަވަ ނުވަތަ ރާގުތަކާ ރާފިޔަތާ އޮތް ގުޅުމަކީ ކޮބާ؟ އަނެއްކާ އެއީ ހިތާއި ހިތުގެ ގުޅުމެއްތަ؟

"އަޅުގަނޑުގެ ކެރިއަރު މި ފެށުނީ ސްކޫލް ދައުރުން. އޭރުގެ ކޮމްޕެޓިޝަން އޮންނައިރުގަ އޭރު ނަގާނީ ކްލެސިކް ވަރަށް ލަސް ލަވަ. އެގޮތަށް އެފަދަ ލަވަތަކެއް ނެގިފަ ހުރީމަ މިހާރު ވެސް ޑައިރެކްޓަރުންނަށް އަދި ޕްރޮޑިއުސަރުންނަށް ވެސް ކަމުދަނީކަން ނޭނގެ އެ ވައްތަރުގެ ލަވަތައް އަޅުގަނޑު ލައްވާ ކިޔުއްވަން. އެކަމަކު މިހާރު ދެން ކޮންމެވެސް ވަރަކަށް ހުންނާނެ އަވަސް ލަވަތައް ވެސް ރިކޯޑްކުރެވިފައި."

"ލަސް ހިތާމަވެރި ލަވަތައް އެގޮތަށް އާންމުކޮށް ކީފައި ހުރީ ވަކި ކަމަކާ ގުޅިގެނެއް ނޫން. ލަސް ލަވަތައް ގިނައިން ލިބިފައި ހުރީމަ ކިޔެނީ."

ކުރީގެ އިންޓަވިއުއެއްގައި ރާފިޔަތު ބުނެފައި ވަނީ މިއުޒިކް ޝޯއެއްގައި ވެސް އެންމެ ކިކުގައި ކިޔާލެވެނީ ހިތާމަވެރި ލަވައޭ. ހަމަ އެއްގޮތަކަށް ވެސް އެހެން ވައްތަރުތަކަށް ލަވަކިޔާ ހިތް ނުވަނީތަ؟

"ނޫން. އެހެން ސްޓައިލްގެ ލަވަތައް ވެސް ފުދޭވަރަކަށް ކިޔަން. އެކަމަކު ޕާފޯމް ކުރަން އަޅުގަނޑަށް ބޮޑަށް ފަސޭހައީ ވެސް ލަސް ހިތާމަވެރި ލަވަތައް. އެއީ ލިރިކްސް އަށް ބޮޑަށް ވިސްނެނީ ލަސް އެއްޗިއްސަށް ކަމަށްވާތިވެހެން ހީވަނީ. ލަސް ލަވައެއް ނަމަ މިހާރު ވެސް މާ ފީލްގަ ކިޔާލެވޭ އެ ލަވައެއް. އެއީ ޝޯއަކަށް އަދި ރިކޯޑްކުރުމަށް ވިޔަސް."

ރާފިޔަތު ތިގޮތުގައި ދެގޮތެއް ނުވެ ލަވަކިޔަމުން އަންނަތާ މިހާރު ވަރަށް ގިނަ އަހަރުވެއްޖެ. އުމުރުން 12 އަހަރުން ފެށިގެން މިހާތަނަށް ލަވަކިޔުން މެދުކެނޑިފައެއް ނެތް. އެކަމަކު ރާފިޔަތުމެންނާ އެކު ލަވަކިޔަން ފެށި އަދި މަޝްހޫރުވި ވަރަށް ގިނަ ލަވަކިޔުންތެރިންގެ ތަރި އޮއްސިއްޖެ. ތިޔަގޮތަށް އެއްގޮތެއްގައި އަދި އެއް އަޑެއްގައި ހިފެހެއްޓުމުގެ ސިއްރަކީ ކޮބާ؟

"އެއް ވަރެއްގައި ހިފަހައްޓާކަށް އެއްވެސް މަސައްކަތެއް އަސްލު ނުކުރެވޭ. ނޭނގޭ. އެކަމަކު ކުރީގެ ލަވަތައް މިހާރު އަޑުއިވުނީމަ އަޅުގަނޑަށް ފާހަގަކުރެވޭ ކޮންމެވެސް ކަހަލަ ތަފާތެއް. ވަރަށް ގިނަ މީހުން ބުނޭ އަޑަކަށް ބަދަލެއް ނާދެއޭ. އެކަމަކު އަޑު އެއްވަރެއްގައި ބަހައްޓާކަށް އެއްވެސް ކަމެއް ނުކުރަން. މިހާތަނަކަށް އަޅުގަނޑު އެއްވެސް ޓްރެއިނިންއެއްޗެއް ވެސް ނަހަދަން."

ކުރީގައި އޮތް ޑިމާންޑަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް ރާފިޔަތަކީ އަދިވެސް ޑިމާންޑްބޮޑު އަންހެން ލަވަކިޔުންތެރިޔެކޭ ބުނެވިދާނެ. ލިބޭ ފުރުސަތުތަކާ މެދު ކީކޭ ބުނެލާނީ؟

"މިހާރު މި ލިބިފައި ހުރި މަގާމު ގެއްލިދާނެތީއޭ ކިޔާފައި ވަކި ކަމެއް ކުރާކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އަންނާނެ އެކި ޖެނެރޭޝަންތައް. އެއް ބަޔަކު އަބަދަކު ނުތިބޭނެ ލަވަކިޔާކަށް ވެސް. އަޅުގަނޑަށް ވުރެ ކުރިން ލަވަކިޔައި އުޅުނު ގިނަ މީހުން ވެސް މިހާރު ނުފެނެއޭ ދަންނަވާނީ. އަޅުގަނޑު ވެސް ކޮންމެވެސް ދުވަހަކުން ފަސްޖެހިދާނެއޭ ދަންނަވާނީ."

"އަބަދު އެއްވަރެއްގައި ނުހިފެހެއްޓޭނެ. އެކަމަކު މިހިސާބުން ވަކި އެހެން ކަމަކަށް އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް. ދެ ކުދިންގެ ފިއުޗާ ލައިފަށް ވިސްނަނީ."

ރާފިޔަތު ނިސްބަތް ވަނީ ދިވެހި ލަވައިގެ ރަން ޒަމާނުގައި އޭގެ ތަހުތު ބެލެހެއްޓި އާއިލާ އަކަށް. ބުނެވިދާނެތަ ލަވައިގެ ދުނިޔޭގައި ރާފިޔަތަށް ލިބުނު މަޝްހޫރުކަމާއި ކާމިޔާބީގެ ސިއްރަކީ އާއިލާ ކަމަށް؟ އާއިލާގެ ހިއްސާ އޮތީ ކިހާ ވަރަކަށް ކަމަށް ގަބޫލުކުރަނީ؟

"އަޅުގަނޑަށް ހީވަނީ އެއީ ކޮންމެ މީހެއްގެ ވެސް ހުންނަ ޓެލެންޓެއްހެން. ދެން އަޅުގަނޑު މި ދާއިރާ އަށް ނުކުންނަން ހިތްޖެހުނީ ފެމިލީގެ ފަރާތުންނޭ އަޅުގަނޑު ދަންނަވާނީ. އޭރު ބޭބެމެންނާއި ދައްތަމެން ވެސް މި ދާއިރާގައި އުޅޭތީވެ ބޮޑަށް އަޅުގަނޑު ވެސް ނުކުންނަން ބޭނުންވީ."

އާމްދަނީއެއް ހޯދުމަށް، ލަވަކިޔުން ނޫން އެހެން ކަމެއް ރާފިޔަތު ކުރިންތަ؟ ލަވަކިޔުން މިއީ ކޮން ކަހަލަ ކަމެއްތަ އާމްދަނީއެއް ހޯދަން؟

"އަޅުގަނޑަކީ ސްކޫލް ދައުރު ނިމުނީއްސުރެވެސް ޖޮބް އަދާކުރި މީހެއް. އެގޮތުން ލޯ ފާމެއްގައި، ދެ ލޯޔަރުން ގާތު މަސައްކަތްކުރިން. އެއިޓް ވަރަކަށް އިޔާސް އެގޮތަށް މަސައްކަތްކުރިން. ފުރަތަމަ ދަރިފުޅު ލިބެންދެން އެގޮތުގައި ވަޒީފާ އަށް ދިޔައިން."

"އާމްދަނީއެއް ހޯދަން ލަވަކިޔުމަކީ އަޅުގަނޑު ބުނާނީ ބައެއް މީހުން ދެކޭ ގޮތުގައި ރަނގަޅު ކަމެއް. އެކަމަކު އަޅުގަނޑު މިކަން ކުރަނީ ކުރާ ހިތުން ހޮބީއެއްގެ ގޮތުގައި."

ކީއްވެގެންތަ ކުދިން ލިބުނީމަ ވަޒީފާ އަށް ދިއުން ހުއްޓާލީ؟

"ކުދިން ލިބުނީމަ އަޅުގަނޑު ބޭނުން ނުވީ ކުދިން ދޫކޮށްލާފަ ޖޮބަކަށް ދާން. އަޅުގަނޑު ދެކޭ ގޮތުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުއްޖަކު ލިބުނީމަ މަންމަ އަކަށް ދެން އެއީ، ދަރިއަކު ބެލުން އެއީ އެންމެ ބޮޑު ޖޮބް ކަމަށް. އެންމެ ޒިންމާދާރު އެންމެ ރަނގަޅު ވަޒީފާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކުއްޖަކު ލިބުނީމަ ބޭނުން ނުވީ ދެން ވަޒީފާއެއް އަދާކުރަން."

އަމިއްލަ ރާގުގެ ލަވަތަކަށް ރާފިޔަތު އެހާ ފޯރިއެއް ނުހުންނަ ކަމަށް ވަނީ ކުރިން. އެކަމަކު މިފަހުން އަމިއްލަ ރާގަށް ރާފިޔަތުގެ ހިތް ދޫވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވޭ. މިއީ ކޮން ކަހަލަ ބަދަލެއް؟

"ކުރީގަ އަޅުގަނޑު ފަށައިގަތްއިރަކު އަމިއްލަ ރާގު އެއްގޮތަކަށް ވެސް ނެތޭ ބުންޏަސް ރަނގަޅުވާނެ. ދެން އޭރު މުޅިން ވެސް ކޮޕީ ރާގުތައް އަޑުއަހަމުން ކޮޕީ ރާގުތައް ކިޔަނީ. ދެން މަޑުމަޑުން އަންނަމުން އަންނަމުން އައިސް އަމިއްލަ ރާގުތައް ގިނަވީމަ އަޅުގަނޑު ވެސް މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަމިއްލަ ރާގަށް."

ރާފިޔަތަކީ މިއަދުގެ ޒުވާން ގިނަ ލަވަކިޔުންތެރިންތަކަކަށް ނިކަން ބޮޑު މެންޓާއެއްވެސްމެ. ހާއްސަކޮށް މީރާ މުހައްމަދު. ދެން މިއަދުގެ ސްޓޭޖުގައި މީރާ އާއި އުނޫޝާގެ ފޯރި ވަރަށް ވެސް ގަދަ. މީރާ އަކީ ރާފިޔަތުގެ ސްޓޫޑެންޓެއް. މި ދެ ލަވަކިޔުންތެރިން އަޅާކިޔާލާއިރު ރާފިޔަތުގެ ނަޒަރުގައި ހުނަރުގެ ގޮތުން ކުރި ލިބެނީ ކާކަށް؟

"ވަރަށް އުނދަގޫ ސުވާލެއް ތިއީ. ކޮންމެހެން އުނޫޝާ އާއި މީރާވީމަކާއެއް ވެސް ނޫން. އެއްވެސް ކުދިންތަކެއް އެގޮތަށް އަޅާކިޔުމަކީ އަޅުގަނޑަށް ވަރަށް އުނދަގޫކަމެއް. އެހެންވީމަ އެހެން ނޭނގޭ އަސްލު ބުނާކަށެއް ކާކުއޭ މޮޅީ."

ދިވެހި މިއުޒިކް އަދި އެހުންތެރިންގެ އޯޑިއެންސް ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ރާފިޔަތަށް ލިބިފައިވާ މަގާމު ގެއްލިދާނެހެން ހީވޭތަ؟ އެ ދުވަހެއްގައި ދެން ފެންނާނީ ކޮން ދާއިރާއަކުން؟ އެހެން ކަމެއް ކުރަން އެބަ ވިސްނަންތަ؟

"މިހާރު މި ލިބިފައި ހުރި މަގާމު ގެއްލިދާނެތީއޭ ކިޔާފައި ވަކި ކަމެއް ކުރާކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އަންނާނެ އެކި ޖެނެރޭޝަންތައް. އެއް ބަޔަކު އަބަދަކު ނުތިބޭނެ ލަވަކިޔާކަށް ވެސް. އަޅުގަނޑަށް ވުރެ ކުރިން ލަވަކިޔައި އުޅުނު ގިނަ މީހުން ވެސް މިހާރު ނުފެނެއޭ ދަންނަވާނީ. އަޅުގަނޑު ވެސް ކޮންމެވެސް ދުވަހަކުން ފަސްޖެހިދާނެއޭ ދަންނަވާނީ."

"އަބަދު އެއްވަރެއްގައި ނުހިފެހެއްޓޭނެ. އެކަމަކު މިހިސާބުން ވަކި އެހެން ކަމަކަށް އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް. ދެ ކުދިންގެ ފިއުޗާ ލައިފަށް ވިސްނަނީ."

ލަވަކިޔުމުގައި ރާފިޔަތުގެ ފެންވަރަކަށް ނުވަތަ އަޑަކަށް ބަދަލެއް ނާންނަ ކަމަށް ބުނާ މީހުން ހަމަ އެ ރާގުގައި ބުނާ އެހެން ވާހަކައެއް ވެސް އޮވޭ. އެއީ ރާފިޔަތުގެ ރީތިކަމަށް ވެސް އެއްވެސް ބަދަލެއް ނާންނަ ވާހަކަ. އުމުރުން ދުވަސްވާހެން ހީވެސް ނުވާ ވާހަކަ. ރީތިކަން ދެމެހެއްޓުމަށް އަދި ފިޓްނަސް ހިފެހެއްޓުމަށް ރާފިޔަތު ގެންގުޅޭ ހާއްސަ ރެސިޕީ އަކީ ކޮބައިބާ؟

"ހަށިގަނޑު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތެއް ނުކުރެވޭ އަޅުގަނޑަކަށް. ދެން އަޅުގަނޑަކީ އެއް އިރެއްގައި ވެސް އެހާ ގިނައިން ކެވޭ މީހެއް ވެސް ނޫން. ވަރަށް ލިމިޓެޑްކޮށް ކެވޭނީ. އާންމުކޮށް ހަވާދު ނުވަތަ ތެޔޮ އެއްޗެހި ވެސް ނުކެވޭނެ. އެހެންވީމަކަން ނޭނގެ. އެކަމަކު ވަކި ހާއްސަކަމެއް ނުކުރަން."

އަޅުގަނޑުމެންނަކަށް ނުފެނޭ ރާފިޔަތު ފަލަކޮށް ހުރި ޒަމާނެއް ވެސް. އާންމުކޮށް މި ހުންނަނީ ކިހާ ވަރެއްގައި އަދި ކެއުންބުއިމަށް ކިހާ ވަރެއްގެ ސަމާލުކަމެއް ދެންތަ؟ ފަލަނުވެ އަބަދު އެއްވަރެއްގައި ހިފެހެއްޓުމުގެ ސިއްރެއް ވެސް އޮންނާނެތާ!

"އެއް ދުވަސްކޮޅެއްގައި ފަލަވި. ފުރަތަމަ ބޭބީ ލިބިގެން ހަށިގަނޑަށް ބައިވަރު ބޮޑެތި ބަަދަލުތަކެއް އައި. އެކަމަކު ވަކި ހިސާބަކުން ނޯމަލް ސައިޒަށް ދިޔައީ. އަޅުގަނޑަކީ އާންމުކޮށް ވެސް ރޭނގަނޑު ގަދަ އަށް ނުކާ މީހެއް. ކެއުމާއިގެން އެހާ ފޯރީގައި އުޅެވޭ މީހެއް ނޫން."

ހަފުލާތަކުން އަދި އާންމު ތަންތަނުން ރާފިޔަތު ފެންނައިރު އަބަދުވެސް ފެންނާނީ އަތްދިގު ހެދުމުގައި. އަދި ނިކަން އެއް ގޮތް ސްޓައިލެއް ހެދުން އެޅުމުގައި ހިފަހައްޓާކަން ފާހަގަކޮށްލެވޭ. ރާފިޔަތުގެ ހެދުންއެޅުމުގެ މި ވައްޓަފާޅި ކިޔައިދީބަލަ؟

"އަޅުގަނޑަކީ އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް އަތްދިގުކޮށް ނޫނީ ހެދުން ނާޅާ މީހެއް. އަތް ކުރު އެއްޗެހި ހަމަ އެއްގޮތަކަށް ވެސް ލާހިތެއް ނުވޭ. ބޭނުންވެގެން އެގޮތަށް ބަދަލުކުރީ. ދެން ހެދުން އެޅުމަކީ އަޅުގަނޑު ވަރަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް. ހާއްސަކޮށް ޝޯއެއްގައި ޕާފޯމްކުރުމަށް މީހުންގެ ކުރިމައްޗަށް އަރާއިރު."

ފިރިމީހާ އާމިރުއާ އެކު ދިރިއުޅޭތާ މިހާރު 18 އަހަރު ތިވަނީ. އެކުގައި މިހާ ގިނަ ދުވަހު މައްސަލަތަކެއް ނުޖެހި އުޅެވުމުގެ ސިއްރަކީ ކޮބާ؟

"އަޅުގަނޑުމެން ދެ މީހުންގެ މިޒާޖު ވަރަށް އެއްގޮތްވާނެ. ދެ މީހުންގެ ފްރިކުއެންސީ ވަރަށް ދިމާވާނެ. ވަރަށް މަޖާ މިޒާޖެއްގެ ދެ މީހުން ދެ މީހުންނަކީ."

ދެން މި އޮތީ ވަރަށް އެހެން ކަހަލަ ސުވާލެއް އިނގޭ. ލަވަކިޔުން ހުއްޓާލުމަށް ފަހު ބުރުގާ އަޅާފާނަންތަ؟ ތި އާއިލާގެ އެހެން ފަންނާނުން ފަދައިން ލަވަކިޔުން ހުއްޓާލަފާނަންތަ؟

"ލަވަކިޔުން ހުއްޓާލަން އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނަނީ އަޅުގަނޑަށް ފެނިގެން އެކަން ހުއްޓާލަން. އެހެންވީމަ އަދިވެސް އަޅުގަނޑު އަމިއްލަ އަށް އެކަން ހުއްޓާލަން ނުފެންނާތީވެ އަދިވެސް ލަވަކިޔަނީ."

"ދެން ބުރުގާ އެޅުމަކީ އަބަދުވެސް ހިތުގައި އޮންނަ ކަމެއް. ވަރަށް ކައިރި މުސްތަގުބަލެއްގައި ވެސް ބުރުގާ އަޅައިގެން ހުއްޓާ ހަމަ ފެނިދާނެ."

ބުރުގާ އަޅާ ނަމަ ކިހިނެތްތަ ބުރުގާ އަޅަން ތިޔަ ވިސްނަނީ އަނެއްކާ؟ މިހާރު ފެނޭ ވަރަށް ފެޝަން ގޮތްގޮތަށް ވެސް ބުރުގާ އަޅައިގެން އުޅޭ މަންޒަރު ބައެއް މީހުން. ރާފިޔަތުގެ ވިސްނުން ހުރީ ކިހިނެތް؟

"ބުރުގާ އަޅަންޏާމު އަޅުގަނޑު ބުރުގާ އަޅާނީ އަޅަން އޮންނަ ހަމަ އެންމެ ރަނގަޅު ގޮތަށް. މިހާރު ދެން ފެނޭ ވަރަށް ތަފާތު ގޮތްގޮތަށް މީހުން ބުރުގާ އަޅައިގެން އުޅޭތަން. ބައެއް ކުދިން ފެނުނީމަ ދެރަވެސް ވޭ. ބުރުގާ އަޅަން ނުވާ ކަހަލަ ގޮތްތަކަށް ބުރުގާ އަޅައިގެން އުޅޭތަން ވެސް ފެނޭ. އަޅުގަނޑު ހަމަގައިމު ވެސް ބުރުގާ އަޅާ ނަމަ އަޅާނީ ބުރުގާ އަޅަން އޮންނަ އެންމެ ރަނގަޅު ގޮތަކަށް."

ލަވަކިޔުން ހުއްޓާލަން އެއްވެސް ބަޔަކު ބާރު އަޅާތަ. މީހުން ބުނޭ ލަވަކިޔުން ހުއްޓާލުމަށް އެދި އަލީ ރަމީޒު ރާފިޔަތަށް ނިކަން ދިގު ސިޓީއެއް ފޮނުވި ވާހަކަ. އަދި ނަސޭހަތް ވެސް ދިން ވާހަކަ. ކޮބައިތަ މި ވާހަކަތަކުގެ ހަގީގަތަކީ؟

"ލަވަކިޔުން ހުއްޓާލާކަށް މާ ބޮޑެތި މާ ހަރުކަށި ބާރުތަކެއް އަޅުގަނޑަށް ނާދެއޭ އަޅުގަނޑު ބުނާނީ. އެހެން ނަމަވެސް ވަރަށް ގިނަ އިންޓަވިއުތަކުގައި އަންނަ ސުވާލެއް ތިއީ. ވަކި މީހަކު ބުނޭހޭ ލަވަނުކިޔާށޭ. ބުރުގާ އަޅާށޭ. މި ފުރުސަތުގައި އަޅުގަނޑު ހަމަ ބުނެލަން ބޭނުން އަޅުގަނޑުގެ ފެމިލީގެ ނުވަ މެމްބަރުންނަކީ ހަމަ ވަރަށް އެއްބަނޑުއެއްބަފާވަންތަ ލޯބިން ވަރަށް އެކުގައި އުޅޭ ނުވަ ކުދިން. އެހެންވީމަ ފެމިލީގެ ތެރޭގައި އެކަކު އަނެކަކު ކުރާ ކަމަކާ ބެހި ނަހަދާނެ."

"އެހާ ވެސް އެކުގައި އުޅެނީ. އެހެންވީމަ ވަކި މީހަކު ކުރާ ކަމެއް އެގޮތަށް ނުކުރާށޭ ކިޔާފައި އެ އެއްޗެއް ނާދޭ."

ރާފިޔަތުގެ ނަޒަރުގައި ލަވަކިޔުމަކީ ކޮން ކަހަލަ ކަމެއް؟

"ލަވަކިޔުމަކީ އަޅުގަނޑަށް އަދި، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރަނގަޅު ގޮތަށް ކޮށްފިއްޔާމު ހަމަ ރަނގަޅު ކަމެއް. ކޮންމެ ކަމެއް ވެސް ރަނގަޅު ގޮތުގައި ކޮށްފިއްޔާމު ރަނގަޅުވާނެއޭ އަޅުގަނޑު ދަންނަވާނީ. ލަވަކިޔުމަކީ ގޯސްކަމެކޭ އެގޮތަކަށް އަޅުގަނޑަކަށް އަދި ގަބޫލެއް ނުކުރެވޭ."

މިސާލަކަށް، އަލީ ރަމީޒު ނުވަތަ އިބްރާހިމް ރަމީޒު އެދިގެން ލަވަކިޔުން ހުއްޓާލަފާނަންތަ؟ އެއްވެސް މީހަކު އެދިގެން ލަވަކިޔުން ހުއްޓާލަފާނަންތަ؟

"އަޅުގަނޑު ލަވަކިޔުން ހުއްޓާލާނީ އެއީ ގޯސް ކަމެއް ކަމަށް އަޅުގަނޑަށް އަމިއްލަ އަށް ފެނިގެން، ގަބޫލުކުރެވިގެން އެ ދުވަހަކުން."

ދިވެހި ލަވައިގެ ދުނިޔޭގައި އަލީ ރަމީޒު ސިފަކުރާނީ ކިހިނެތް؟ އަދި ބޭބެއެއްގެ ގޮތުގައި އަލީ ރަމީޒު ސިފަކުރާނީ ކިހިނެތް؟

"އައްޔަ އަޅުގަނޑު ސިފަކުރާނީ، އައްޔަ އަކީ އަބަދުވެސް ވަރަށް ތެދުވެރި، ވަރަށް އީމާންތެރި ވަރަށް ރަނގަޅު، ކައިންޑް މީހެއް. ފެމިލީތެރޭގައި ވެސް އަދި ރައްޓެހިންނަށް ވެސް. ބޭބެއެއްގެ ގޮތުގައި ސިފަކުރާ ނަމަ ބުނެވޭނީ އެއީ ބައްޕައެއް ކަހަލަ ބޭބެއެކޭ. ލިބޭ ކޮންމެ ހިތާމައެއްގައި ވެސް އަދި އުފަލެއްގައި ވެސް އެންމެ ގާތުން ބޭބެމެންނާއި ދައްތަމެން ފާހަގަކުރަން. ހާއްސަކޮށް ބޭބެމެން."

"ކުރީގެ ލަވަކިޔުންތެރިއެއްގެ ގޮތުގައި އަދި ލަވަކިޔުމުގެ ގޮތުން ބަލާ ނަމަ އަދި މިހާތަނަށް ބޭބެ ވަރުގެ ލަވަކިޔުންތެރިޔަކު ނާދެއޭ ބުނެވޭނީ."

އަލީ ރަމީޒު އާއި ތޭރަވާ އަބްދުލް ޣަނީގެ ތެރެއިން މޮޅީ ކާކު؟

"އަޅުގަނޑު ދަންނަވާނީ ދެ މީހުންނަކީ ވެސް ބޯން ޓެލެންޓެޑް ދެ މީހުންނޭ. ދެ މީހުންގެ ގޮތުގައި ވަރަށް މޮޅު ދެ މީހުންނޭ. މިހާރަށް އަޅުގަނޑު ތޭރަ ފާހަގަކޮށްލަން ހުރިހާ ލަވަކިޔުންތެރިންގެ ތެރެއިން ވެސް."

ކޮބާ ހިނގާ ދެން ނިންމާލަމާ. އެކަމަކު އޭގެ ކުރިން މިހާރު އެންމެ ފޯރިގަދަކޮށް މި އުޅޭ މޯލްޑިވިއަން އައިޑޮލްއާ ބެހޭ ގޮތުން ވެސް އެއްޗެއް ބުނެލަން ކިހިނެތްވާނެ؟ މޯލްޑިވިއަން އައިޑޮލް އަދި ފާޑުކިޔުން އަމާޒުވެފައިވާ ޖަޖިންގެ ޕާފޯމެންސް ރަނގަޅުތަ؟

"އަޅުގަނޑު ދަންނަވާނީ މޯލްޑިވިއަން އައިޑޮލް ދަނީ ވަރަށް ވެސް ރަނގަޅަށޭ. ވަރަށް ޓެލެންޓެޑް ކުދިން ވެސް އެބަފެނޭ. އަޅުގަނޑަށް ހީވަނީ އެލިމިނޭޝަންއާ ހިސާބުން ވަރަށް ފޯރިގަދަވާނެހެން. ޖަޖިންއާ ދޭތެރޭގައި އެއްޗެއް ބުނާ ނަމަ ބުނެވޭނީ އެތަނުގައި ތިބި ތިން ޖަޖުންނަކީ ވެސް ތިން ކެރެކްޓާއޭ. އުނޫޝާ ވެސް އެންމެ ބެސްޓް އެ ދެނީ. އައްމަޑޭ ވެސް އަދި އިއްބެ ވެސް. އެހެންވީމަ ނެތް މާ ބޮޑު ފާޑުކިޔުމެއް. ބަރާބަރަށް ދަނީ."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޫރާ
  • މޭކަޕް: ޒައި
  • ވޯޑްރޯބް: ރިވެންޖް