މިމަހުގެ ކުރީކޮޅު ވިލިމާލޭގައި ފުލުހަކަށް ވަޅިން ހަމަލާދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މީހާގެ މައްސަލަ އަންނަ ބުރާސްފަތި ދުވަހު ނިންމާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
ވައްކަމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރަން އުޅުމުން ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ މ. ވޭރާ މުހައްމަދު ނަސްރުގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ނަސްރުގެ މައްޗަށް ދައުވާކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް މިދިޔަ މަހު ގެނައި ހަރުކަށި އިސްލާހުތަކުގެ ދަށުންނެވެ.
ގާނޫނު އޮންނަ ގޮތުން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މައްސަލައިގެ މިއަދުގެ ބޭއްވި ދެވަނަ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައި ނިންމުމަށް ފަހު އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ.
އެ މައްސަލައިގެ ޑީއެންއޭ ރިޕޯޓް މިހަފުތާގައި ލިބޭނެ ކަމަށާއި އެ ރިޕޯޓް ލިބެންދެން ހުކުމް ނުކޮށް މަޑުކުރަން ދައުލަތުން އެދުނު ނަމަވެސް ގާޒީ ބާރީ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ ރިޕޯޓަކީ ޝަރީއަތަށް ބޭނުންވާ އެއްޗެއް ނޫނެވެ.
ދައުލަތުން ނަސްރާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރެއިން މިއަދު ހެކިބަސް ނެގި ތިން ފުލުހުން ވެސް ބުނެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު ނަސްރު ހައްޔަރުކުރަން ފުލުހުން ދިއުމުން އޭގެ ތެރެއިން އެއް ފުލުހަކަށް ނަސްރު ވަޅިއަކުން ހަމަލާދިން ކަމަށެވެ. އެ ތިން ފުލުހުން ވެސް ބުނީ ނަސްރު ހައްޔަރުކުރަން އޭނާ ހުރި ތަނަށް ވަންނަން އުޅުމުން އޭގެ ތެރެއިން އެއް ފުލުހަކާ ދިމާލަށް ތިން ފަހަރަކަށް ނަސްރު ވަޅި ހޫރާލި ކަމަށާއި ވަޅި ހެރުނީ ތިން ވަނަ ފަހަރު ވަޅި ހޫރާލުމުން ކަމަށް އެ ތިން ފުލުހުން ބުންޏެވެ.
އެ ފުލުސް މީހާއަށް ނަސްރު ހަމަލާ ދިން ފަހުން ނަސްރު ހައްޔަރުކުރަން ދިޔަ ދެ ފުލުހަކު ވެސް ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ނަމަވެސް ގާޒީ ބާރީ ނިންމެވީ އެ ދެ ފުލުހުންގެ ހެކިބަސް ނުނެގުމަށެވެ.
ނަސްރުގެ ވަކީލެއްގެ ގޮތުގައި މިއަދު ޝަރީއަތަށް ހާޒިރުވި ވަކީލް އަބްދުﷲ ހަސީން ވަނީ ނަސްރުގެ ދިފާއުގައި ދެ މީހަކު ހެކިންގެ ގޮތުގައި ހުށަހަޅަން ދެ ދުވަހުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް ގާޒީ އަބްދުލްބާރީ މިއަދު އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލީ ހަސީނަށް އެ ފުރުސަތު ނުދެއްވަ އެވެ.
ގާޒީ ވިދާޅުވީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް ކުރިން ދުވަހުގެ އަޑުއެހުމުގައި ނަސްރު ބުނެފައިވާ ކަމަށާއި އެހެންވެ އަލަށް އުފެދިގެން އުޅެނީ ކޮން ހެކިންތޯ ގާޒީ ސުވާލު އުފެއްދެވި އެވެ. އަދި ދިފާއީ ހެކިން އުފައްދަން ހަސީން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ގާޒީ ބާރީ ވިދާޅުވި އެވެ.
ނަސްރުގެ ވަކީލް ހަސީން ވިދާޅުވީ ތަހުގީގުގައި ނަސްރަށް ފުލުހުން އަނިޔާކުރި ކަމަށާއި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިހާރު ބަލަމުންދާ ކަމަށެވެ. އަދި ނަސްރާ ދެކޮޅަށް މިއަދު ހެކިބަސް ދިން ފުލުހުންނަކީ އޭނާއަށް އަނިޔާކުރި މީހުން ކަމަށް ފަހަރެއްގައި ވެދާނެ ކަމަށާއި އެހެންވެ އެ މައްސަލައިގެ ތަހުގީގު ނިމެންދެން މަޑުކުރަން ހަސީން ވަނީ އެދިވަޑައިގަތެވެ.
ނަމަވެސް ގާޒީ ބާރީ އެކަމަށް ދެކޮޅު ހެއްދެވި އެވެ. ގާޒީ ވިދާޅުވީ ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ކޯޓުގައި އޮތް މައްސަލައާ ނުގުޅުވޭނެ ކަމަށާއި އެކަމަށް ޝަރީއަތުން ރިއާޔަތް ނުކުރާނެ ކަމަށެވެ.
ގާޒީ އެގޮތަށް ވިދާޅުވުމުން ވެސް ހަސީން ވަނީ އެކަމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އެންމެ ފަހުން ގާޒީ ވަނީ އިތުރަށް އެ ވާހަކަ ނުދެއްކުމަށާއި އެ ވާހަކަ އިތުރަށް ދައްކާ ނަމަ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު ހަސީނަށް ދެއްވައިފަ އެވެ.