މޫސުން

މިއަދާއި މާދަމާ ވެސް އުދަ އަރާނެ، ސަމާލުވޭ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދާއި މާދަމާވެސް އުދައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މެޓް އޮފީހުން ވިދާޅުވެއްޖެ އެވެ.

މެޓް އޮފީހުން ބުބީ މިއަދާއި މާދަމާވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މާލެ ސަރަޙައްދުގައި އެންމެ ދިޔަވަރު ބޮޑުވާނެ ގަޑިއަކީ، މެންދުރުފަހު 03:46 ހާއިރު ކަމަށާއި، ދެކުނުގެ ރަށްތަކަށް ދިޔަވަރު މިއަދު އެންމެ ބޮޑުވާނީ، ހަވީރު 04:42 ގައި ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. އަދި އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 02:53 ގައި ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ އުދައިގެ އަސަރު އެންމެ ކުޑަ ވާނެ ކަމަށް ބެލެވެނީ އަންނަ އަންގާރަ ދުވަހު އެެވެ.

އިއްޔެގެ ވަގުތެއްގައި ވެސް މާލެ ސަރަހައްދަށް އުދަ އަރާ ބަޔަކަށް އަނިޔާވެ ބައެއް މީހުންގެ މުދަލަށް ވަނީ ގެއްލުން ލިބިފަ އެވެ. އެގޮތުން ދިޔަވަރު ބޮޑުވެ އުދަ އަރާގަޑިތަކުގައި ބްރިޖު އަދި ހައިވޭގައި ސައިކަލުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.