ރައީސް އަބްދުﷲ ޔާމީން

އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އަންގަވައިފި އެވެ.

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން މިއަދު އެންގެވި ކަމަށެވެ. އެ އެންގެވުމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ ސެނެޓް ބައްދަލުކޮށް އެކަމުގައި މިއަދު ގޮތްތަކެއް ނިންމަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަވަސްއަށްް މައުލޫމާތު ދެއްވި ބައެއް ބޭފުޅުން ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވި ނަމަވެސް ޕީޕީއެމްއާއި ޕީއެންސީގެ ސެނެޓުން އެގޮތަށް ފާސްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ރައީސް ޔާމީން އެންގެވީތީ އަޅުގަނޑުމެން ތެރޭގައި އެ މަޝްވަރާތައް ކުރާނެ. އެހެންނަމަވެސް ރައީސް ސޯލިހް ވެރިކަން ބަދަލުކުރެވެން އޮތީ އަދި ރައީސް ޔާމީން މިނިވަން ކުރެވެން އޮތީ ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރެގެން ކަމަށް ގަބޫލުކުރާ ސެނެޓަރުން އަޅުގަނޑުމެން ތެރޭގައި ވަރަށް ގިނަ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި ސާބިތު ދަރަންޏެއް ނުދައްކާ އޮތް ކަމަށް ސާބިތު ވާތީ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާ އެކު ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކުށުގެ އަދަބާ އެކު އިއްވާފައިވާ ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ފައިސާ ނުދައްކާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުން ކަމަށް މާނަކުރެވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވިއިރު ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން އެކުގައި މަސައްކަތް ކުރާ ޕީއެންސީ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީ އިން އިންތިހާބުގައި ވާދަކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ޓިކެޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދީފަ އެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ "ޕްލޭން ސީ" ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވާތީ ޕީޕީއެމް އާއީ ޕީއެންސީގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް އުފެދިފަ އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕްލޭން އޭ އަކީ ރައީސް ޔާމީން އެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެވޭނަމަ ޕްލޭން ބީ އަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވެސް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވެފައި ވަނިކޮށް ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދަނީ ވެސް ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.