އިލެކްޝަންސް ކޮމިޝަން

ރައީސް ސޯލިހާއި ނާޒިމުގެ ކެންޑިޑެސީ ބަލައިގެންފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ކެންޑިޑެސީ ބަލައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިރޭ ވިދާޅުވީ ރައީސް ސޯލިހާއި ނާޒިމުގެ ކެންޑިޑެސީ ފޯމުގައިވާ މައުލޫމާތާއި ތަކެތި، ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން އެ ދެ ބޭފުޅުންވެސް ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

ރައީސް ސޯލިހާއި ނާޒިމުވެސް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ މިއަދު އެވެ.

ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާއިރު އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ. ނާޒިމުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. އަހްމަދު އަދީލް ނަސީރު އެެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވެސް މިއަދު ކެންޑިޑެސީ ފޯމު ހުށަހެޅުއްވި އެވެ. އިލްޔާސްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އިލްޔާސްގެ ކެންޑިޑެސީ ބަލައިގަނެ ކޮމިޝަނުން އަދި އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

މިތިން ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް މިމަހުގެ އެއްވަނަ ދުވަހު ކެންޑިޑެސީ ފޯމު ހުށަހެޅުއްވި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ހަމަ އެ ދުވަހު ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ. ކޮމިޝަންގެ ނިންމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާއި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ގެންދަވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް މި ތިން ބޭފުޅުން އަދި ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ. އިދިކޮޅު ޕީޕީއެމް އާއި ގުޅިގެން ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދީފަ އެވެ. ނަމަވެސް ޕީޕީއެމްއާއި ޕީއެންސީއާ ދެމެދު އުފެދިފައިވާ ކޯޅުންތަކާ ގުޅިގެން މުއިއްޒު ވެސް އަދި ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.