އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ ކޯޅުން ބޮޑުވެ ޕީޕީއެމް އާއި ޕީއެންސީގެ ތައްގަނޑާއި އިދާރީ ބައެއް ފައިލްތައް ފޮރުވާފައިވާ ކަަމަށް އެނގިއްޖެ އެވެ.
މިކަމެއް ހިނގާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްއާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ސެނެޓަރުންނަށް އަންގަވާފައި ވަނިކޮށް އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓަރުންގެ އަގުލަބިއްޔަތުން ނިންމި ފަހުން އެ ނިންމުން ބަލައިގަތުމަށް ޔާމީން ދެކޮޅު ހެއްދެވުމުންނެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވީ އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމެވުމާ ގުޅިގެންނެވެ.
ރައީސް ޔާމީނާ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރައްވާ ބައެއް އިސް ބައެއް ބޭފުޅުން މިރޭ އަވަސްއަށް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ތައްގަނޑާއި ބައެއް އިދާރީ ފައިލްތައް އިދާރީ މަސައްކަތުގައި އުޅުއްވާ އިސް ބޭފުޅުން ފޮރުވާފައިވާ ކަމަށެވެ.
"މިއީ ލީޑަޝިޕްގެ އިސް ބޭފުޅެއްގެ އެންގެވުމަކަށް އިދާރީ މުވައްޒަފުންތަކެއް ބައިވެރިވެގެން ހިނގާ ކަމެއް،" މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ބޭނުންވަނީ ރައީސް ޔާމީން އެންގެވި ގޮތަށް ޕީޕީއެމްއާއި ޕީއެންސީ އިން އެއްވެސް ކެންޑިޑޭޓަކު އިންތިހާބަށް ނުނެރެވޭ ގޮތް ހެދުމަށް ކަމަށެވެ. ނަމަވެސް ތައްގަނޑު ފޮރުވުމުގެ ކުރިން ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައިވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމުގައި ތައްގަނޑު ޖަހާފައިވާ ކަމަށް އެނގިފައިވެ އެވެ.
މުއިއްޒުއަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މާދަމާ ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށް މުއިއްޒު ހުންނެވީ ތައްޔާރަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.