ދުނިޔެ

ކްރައިމިއާ ބްރިޖަށާއި ގޭސް ޕައިޕަށް ހަމަލާދިން ކަމަށް ޔުކްރޭނުން އެއްބަސްވެއްޖެ

ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ ބްރިޖު -- ކްރައިމިއާ ބްރިޖަށް ހަމަލާދިނީ ޔުކްރޭނުން ކަމަށް އެ ގައުމުން ބުނެ އެކަމުގެ ޒިންމާ ނަގައިފި އެވެ.

ޔޫކްރޭންގެ ދިފާއީ ވުޒާރާއިން އާދީއްތަ ދުވަހު ބުނި ގޮތުން ޗޮންހާރް ކަނޑުއޮޅި އަށާއި ޓޮންކީ ކަނޑުއޮޅި ހުރަސްކޮށް ކްރައިމިއާ ބްރިޖަށް ދިން ދެ ހަމަލާ އަކީ ވެސް ޔުކްރޭންގެ ވައިގެ ސިފައިން ދިން ދެ ހަމަލާ އެވެ.

މި ހަމަލާތަކުގައި ހެނިޗެސްކް ކައިރި ފަށުގައި އޮންނަ ގޭސް ހޮޅިތަކަށް ލިބުނު ހުރިހާ ގެއްލުމެއްގެ ޒިންމާވެސް ޔުކްރޭނުން ނަގާ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިއާއިން މީގެ ކުރިންވެސް މި ހަމަލާތަކުގެ ޒިންމާ އޮތީ ޔުކްރޭންގެ ބޮލުގައި އަޅުވާފަ އެވެ. ރަޝިއާގެ އަސްކަރިއްޔާ އިން އެއިރު ބުނި ގޮތުން ޔުކްރޭނުން ހަމަލާތައް ދިނީ ޑްރޯން ބޭނުުންކޮށްގެން ނުވަތަ މިސައިލުންނެވެ.

ރަޝިއާގެ މި ޝަކުވާ ޔުކްރޭނުން އެއިރު ބަލައި ނުގަނެ އިންކާރު ކުރި ނަމަވެސް، ރަޝިއާ ވަނީ އެކަން ސާބިތުކުރެވޭ ވަރަށް ހެކި ހޯދާފަ އެވެ. ޔުކްރޭނުން ޒިންމާ ނެގީ މި ސަބަބާ ހެދި ކަމަށް ބެލެވެ އެވެ.

ރަޝިއާ ބުނާ ގޮތުން އެ ގައުމުގެ ފައުޖުތަކަށް ހަމަލާދޭ ތަނަކަށް ނޫނީ ރަޝިއާ ސިފައިން ހަމަލާއެއް ނުދެ އެވެ. އަދި ޔުކްރޭންގެ ބައެއް މަރުކަޒުތަކަށް ހަމަލާދީފައިވާނީ ވެސް -- ޔުކްރޭން ސިފައިން އެ ތަންތަން ނުހަމަ ގޮތުގައި ބޭނުންހިފަމުން ދާތީ ކަމަށްވެސް ރަޝިއާ ބުނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައަށް ދޮޅު އަހަރު ވެފައި ވާއިރު ދެ ގައުމަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. މާލީ ގޮތުންނާއި އުމްރާނީ ގޮތުންނެވެ.

ޔުކްރޭންގެ ހަމަލާތަކުން ރަޝިއާއަށް ލިބުނު ގެއްލުމަށް ވުރެ ބޮޑަށް ރަޝިއާގެ ހަމަލާތަކުން ޔުކްރޭނަށް ލިބިފައި ހުރި ގެއްލުން ވަރަށް ގިނަ އެވެ.

ޔުކްރޭންގެ އެތައް މިލިއަން އާއިލާތަކެއް ބިކަވެ، ބައެއް އާއިލާތައް ވުޖޫދުން ފޮހެވިގެން ގޮސްފައި ވާއިރު ޔުކްރޭން ކުރިން އޮތް ހާލަތަށް ރުޖޫއަވޭވޭނެ ޒަމާނެއްވެސް ބުނަން ނޭނގޭ ހިސާބެއް ގައެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލައި ޖެހިޖެހިގެން އޮތް މި ދެ ގައުމު ސުލްހަވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަދިވެސް އަޅާފައެއް ނުވެ އެވެ.