ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި އެވެ.

ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި މުއިއްޒުގެ ރަނިން މޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މުއިއްޒު ފޯމު ހުށަހެޅުއްވީ އިންތިހާބު ބޮއިކޮޓް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އަންގަވާފައިވަނިކޮށެވެ. ނަމަވެސް އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ވޯޓަށް އެހުމުން ޕީޕީއެމް ޕީއެންސީގެ ގުޅިފައިވާ ސެނެޓުގެ ވޯޓުން އިންތިހާބު ބޮއިކޮޓް ނުކުރަން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.