ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ދ. އަތޮޅަށް ވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދ. މީދޫއަށް ވަޑައިގެންފި އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ މި ދަތުރު ފަސްކުރެއްވުމަށް ފަހު، ރައީސް ސޯލިހު މިއަދު މީދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޯލިޝަން ޕާޓްނަރުންވެސް ބައިވެރިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް މިހާތަނަށް ވަނީ ހއ. ށ. ވ އަދި މ އަތޮޅުގެ ހުރިހާ ރަށަކަށާއި ފުވައްމުލަކަށް ވަޑައިގެންފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ އަށް ވެސް ވަޑައިގެންފައިވެ އެވެ.

ރައީސް ސޯލިހް ކެމްޕެއިން ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ގއ. އަދި ގދ. އަތޮޅަށެވެ.

ރައީސް ސޯލިހް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމުން އެ ކޮމިޝަނުން އިއްޔެ ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިގެންފަ އެވެ.