ރާއްޖެ ކުޅިވަރު

ހޮކޭއާމެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިއު އިން ނިންމައިފި

ޕީޕަލްސް ކަޕްގައި އިއްޔެ ސިންގަޕޫރުގެ ލަޔަންސް އަތުން 3-1 އިން ނިއު ބަލިވި މެޗުގައި އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް ދެއްކި ރަތްކާޑާ ގުޅިގެން ހޮކޭއާމެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ނިއު އިން ނިންމައިފި އެވެ.

މެޗުގެ ދެވަނަ ހާފުގައި ހޮކޭ އަށް ދެވަަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީ ލަޔަންސްގެ ޑިފެންޑަރަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މި ފައުލްއާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިން ހޫނުވި ވަގުތު، ބައެއް ސަޕޯޓަރުން ވެސް ވަނީ ދަނޑަށް އަރައިފަ އެވެ.

ނިއު އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮކޭއާމެދު ކްލަބުން ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ހޮކޭ ފައުލްކުރި ކުޅުންތެރިއާ އާއި ލަޔަންސްގެ ޓީމާއި ނިއުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމަށް ހޮކޭ އަށް ކްލަބުން އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެެވެ.

ނިއު އިން ބުނީ އިއްޔެ މެޗުގައި އެ ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަންތައްތަކާމެދު ލަޔަންސް ޓީމުގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ކުޅުންތެރިން ޑިސިޕްލިން ހިފެހެއްޓުމަށް އެ ކްލަބުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ސަޕޯޓަރުން ވެސް ކުޅިވަރު ރޫހާ އެއްގޮތަށް ޓީމަށް ސަޕޯޓްކޮށް، ރެފްރީންގެ ނިންމުމަށް އިހުތިރާމްކުރުމަށް އެ ކްލަބުން ވަނީ އެދިފަ އެވެ.

ޕީޕަލްސް ކަޕްގައި ކުޅުނު ފުރަަތަމަ ދެ މެޗުން ބަލިވެ، ނިއު ވަނީ މުބާރާތުން ކަޓައިފަ އެވެ. މި މުބާރާތުގައި ނިއު ކުޅޭ ފަހު މެޗުގައި މާދަމާ ހަވީރު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.