ހަބަރު

ޕީޖީއިން އެދިގެން އިމްރާނުގެ ޝަރީއަތް ކެންސަލް! ދައުވާ އަނބުރާ ގެންދަނީތަ؟

  • ޕީޖީ ބުނަނީ ކޯޓާ ހިއްސާ ކުރަން ޖެހޭ ކަންކަން ހުރިކަމަށް
  • ވަކީލް ވިދާޅުވަނީ ދައުވާ އަނބުރާ ގެންދާކަމުގެ މައުލޫމާތު ލިބޭ ކަމަށް
  • އިމްރާން ހުންނެވީ މައްސަލަ ނިމެންދެން ބަންދުގައި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ޝެޑިއުލް ކުރި ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އިމްރާނުގެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކުރީ ޕީޖީގެ އެދުމަކަށެވެ. އެ އޮފީހުން ވަނީ މައްސަލާގައި ކޯޓަށް ހިއްސާކުރަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލަ މާދަމާ މެންދުރު 1:00 އަށް ފަސްވެފައިވާ ކަމަށެވެ.

އިމްރާނުގެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަދު ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ތައްޔާރުވުމަށް ވެސް ދެ ފަރާތަށް އަންގާފައިވެ އެވެ.

ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު، އިމްރާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.

އިމްރާނުގެ ގާނޫނީ ވަކީލް ހުސްނު ސުއޫދު ދާދިދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިމްރާނުގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފާނެ ކަމުގެ ކަށަވަރު ނޫން މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.

އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ގާނޫނު ނަންބަރު 10/90 ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލީ، މޭޑޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އިމްރާންގެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ވެސް ބާއްވާފައިވެ އެވެ. އެގޮތުން ހެކިންގެ ހެކިބަސް ވެސް ނަގާފައިވެ އެވެ.

އިމްރާންގެ ދައުވާ އަނބުރާ ގެންނަ ކަމަށް އަޑުތައް ފެތުރުނު އިރު، ސަރުކާރުން އިއުލާންކޮށްފައިވާ މަޝްވަރާތަކަށް ސިޔާސީ ލީޑަރުން ދޫކޮށްލުން ސަރުކާރަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ޝަރުތު ކުރަމުންނެވެ. އަދި ބޭރުން ދުނިޔެ އިން ވެސް އެބޭފުޅުން ދޫކޮށްލުމަށް އަންނަނީ ގޮވާލަމުންނެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ ސަރުކާރުން އަމަލު ކުރާނީ އެ މީހުންގެ ބަސްތައް އަޑުއަހައިގެން ކަމަށެވެ.