ދުނިޔެ

ހަވާއީގައި ވަލުތެރޭގައި އަލިފާން ރޯވެ 89 މަރު

ހަވާއީގައި މިއިން ޒަމާނަކު ވެސް ހިނގާފައި ނުވާ ވަރުގެ އަލިފާނުގެ ހާދިސާއެއްގައި 89 ނުވަ މީހަކު މަރުވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ހޮނިހިރު ދުވަހު ބުނެފި އެވެ.

މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ އަދަދު އަދި ސާފެއް ނުވެ އެވެ.

ހަވާއީ އަކީ އެމެރިކާގެ ސްޓޭޓެކެވެ. އަލިފާން ރޯވި ހަވާއިގެ ރަށެއް ކަމަށްވާ މައުއީގެ ވަލުތެރޭގަ އެވެ.

މި ހާދިސާގައި ހަވާއީގެ މަޝްހޫރު ބައެއް ޖަޒިރާތައް ވަނީ އަނދާ ހުލިވެ ބިމާ ހަމަވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ލިބިފައި ގެންލުންތައް އާދައިގެ ހާލަތަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭނެ އެވެ.

މައުއީގައި ރޯވި އަލިފާންގަޑު ކައިރި ޖަޒީރާތަކަށް ފެތުރިގެން ދިއުމުން 850 ހެކްޓަރުގެ ދާއިރާއެއް ވަނީ އަޅިއަށްވެފަ އެވެ. އުމްރާނީ ތަރައްގީއަށް ލިބިފައި ހުރި ގެއްލުމަށް ބަލާއިރު 2،200 ބިނާއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

ވަލުތެރޭގައި އަލިފާން ރޯވެ މިހާވަރުވީ ކޮން ސަބަބަކާ ހެދިކަން އަދި އޮފިޝަލުންނަށް އެނގޭ ގޮތެއް ނުވެ އެވެ. އެމެޖެންސީ ނިޒާމުތައް ފޭލިވެގެން ނޫން ގޮތަށް މިވަރު ނުވާނެ ކަމަށް ތަހުގީގީ ޓީމުތަކުން ވެސް ބުނެ އެވެ.

އެ އަވަށުގައި ދިރިއުޅޭ މީހުން ބުނި ގޮތުން އަލިފާން ނިއްވުމުގައި އިދާރާތަކުން ވަނީ އިހުމާލުވެފަ އެވެ. އިދާރާތަކުން ހަރަކާތްތެރިވުން އަވަސްކުރި ނަމަ ކިތައްމެ ފުރާނައެއް ސަލާމަތްކުރެވޭނެ ކަމަށް އެ މީހުން ދެކެ އެވެ.

އަލިފާނުން ސަލާމަތްވުމަށް ގެދޮރު ދޫކޮށް ކަނޑަށް ފައިބަން ޖެހުނު ކަމަށް ވެސް ބައެއް މީހުން ވަނީ ނޫސްތަކަށް ކިޔައިދީފަ އެވެ.

އަލިފާނުގެ ހާދިސާއެއް ހިނގާ ނަމަ އޮޓަމެޓިކުން ޖެހޭ ގޮތަށް ހުންނަ ރަނގަބީލުތައް ވެސް ނުޖެހޭ ކަމަށް ރަށްވެހިން ކިޔައިދިނެވެ. އަލިފާން ރޯވެ ފެތުރިގަތް ބާރުމިނުގައި ސެލްފޯން އެންޓަނާތައް އަންދާލުމުން -- ފޯނުގެ ގުޅުމަށް ވެސް ބުރޫއެރި ކަމަށް އެ މީހުން ބުންޏެވެ.

ހަވާއިގެ ޕްރޮސެކިޔުޓަރުން ބުނާ ގޮތުން މިއީ ހަރުކަށިކޮށް ބަލާނެ މައްސަލައެކެވެ. އިހުމާލުވި ބަޔަކު ހޯދައި ކުށްވެރިވާ ނަމަ ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ނިންމާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހަވާއިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ދުނިޔޭގެ ސަމާލުކަމަށް އައީ މީހުން ސަލާމަތްކުރަން އުޅުނު މީހުން ރެކޯޑްކޮށްފައި ހުރި މަންޒަރުތައް ފެތުރެން ފެށުމުންނެވެ. އަދި އާންމުނާ ހަމައަށް ނޫސްތަކުން ދިއުމުންނެވެ.