ދުނިޔެ

ކެލިފޯނިއާގައި ފެތުރުމެންދާ އަލިފާންގަޑުގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން

Jul 29, 2018

ކެލިފޯނިއާ (ޖުލައި 29) - އެމެރިކާގެ ކެލިފޯނިއާ ސްޓޭޓް ބާރު ސްޕީޑުގައި ފެތުރެމުންދާ އަލިފާންގަނޑުގައި މިހާތަނަށް މަރުވި ފަސް މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ސަރަހައްދުގެ ޖަންގަލީގައި ރޯވެ، ވައި ބާރު ވުމުގެ ސަބަބުން، އަލިފާނުގެ "ނަގޫރޯޅިއެއް" ހެން ފެތުރެމުންދިއުމާއި ގުޅިގެން އެތަކެއް ހާސް މީހުންނެއް ގެދޮރު ދޫކޮށްކޮށްފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި އެ ކުދިންގެ މުނި މާމައާއި، އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުނު ފަޔާ ޑިޕާޓްމަންޓްގެ ދެ މީހަކު ވެސް ހިމެނެ އެވެ.

ކެލިފޯނިއާ ސްޓޭޓުގެ ޝާސްތާ ކައުންޓީގައި ފެތުރުމެންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ އެންމެ ފަސް ޕަސަންޓުކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގައި މިހާތަނަށް 500 އަށް ވުރެ ގިނަ އިމާރާތެއް ބޭނުން ނުކުރެވޭ ވަރަށް އަލިފާނުގެ އަސަރުކޮށްފައިވާ އިރު، އިތުރު އެތަކެއް ހާސް ގެތަކަށް ނުރައްކާ ބޮޑުކަމަށް ވެސް ވެ އެވެ.

އަލިފާން ރޯވީ ހޯމަ ދުވަހު އެ ސަރަހައްދުގައި މައްސަލަ ޖެހިގެން ހުއްޓުނު ކާރެއް ހެދުމުގެ ތެރެއިން ކަމަށް ވާއިރު، މިހާތަނަށް 48،000 ގިނަ އޭކަރުގައި ރޯވެފައިވާ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.

އުމުރުން ފަސް އަހަރާއި ހަތަރު އަހަރުގެ ދެ ކުދިންނާއި އެ ކުދިންގެ 70 އަހަރުގެ މުނި މާމަ މަރުވީ، ދިރިއުޅޭ ގެ ދޫކޮށް ދާން މަސައްކަތް ކުރަނިކޮށްކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަލިފާންގަނޑު ގެ އާއި ހަމައަށް އަންނާތީ، އެ ވަގުތު ބާޒާރު ކުރަން ނުކުމެ އުޅުނު އެ ކުދިންގެ ބައްޕައަށް ގުޅުމުން، ގެ އަށް އާދެވުނު އިރު، ގެ އަނދާ އަޅިއަށްވެފައިވާ ކަމަށްވެ އެވެ.

އެ ދެ ފަޔާ ފައިޓަރުން މަރުވީ، އެ ގޭގައި ހިފި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.