ދުނިޔެ

ކެލިފޯނިއާ އަލިފާނުން އެތައްބަޔަކު ސަލާމަތް ކޮށްފި

އެމެރިކާގެ ކެލިފޯނިއާގެ އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރެމުންދާ ސަރަހައްދަކުން މިލިޓަރީ ހެލިކޮޕްޓަރުގައި 150 އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފި އެވެ.

މި ބިޔަ އަލފާންގަނޑު ރޯވީ ސިއެރާ ނެޝަނަލް ފޮރެސްޓްގަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި އަލިފާނުގެ ސަބަބުން މިހާތަނަށް 14500 ހެކްޓަރުގެ ސަރަހައްދެއް މިހާރު ވެސް ވަނީ އެކަށް އަނދާ ހުލިވެފަ އެވެ. މި އަލިފާންގަނޑު ރޯވީ މިދިއަ ހުކުރު ދުވަހު އެވެ. އަދި އިއްޔެ ވަނީ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް އަލިފާން ފެތުރިފަ އެވެ.

ފްރެސްނޯ ސިޓީގެ ފަޔާ ޑިޕާޓްމެންޓުން ބުނާ ގޮތުގައި މިލިޓަރީ ހެލިކޮޕްޓަރުތަކުގައި މަދުވެގެން 63 މީހުން "މެމޮތު ޕޫލް ރިޒާވޯ "އިން ސަލާމަތް ކޮށްފަ އެވެ. އެއީ ފްރެސްނޯ ސިޓީ އާއި 70 ކިލޯމީޓާ (45 މޭލް) ދުރުގައިވާ ސަރަހައްދެކެވެ.

އަލިފާނުގައި މިހާތަނަށް ދެމީހުން ވަނީ ވަރަށް ބޮޑަށް ފިހި ޒަހަމް ވެފައެވެ. އަދި އެހެން 10 މީހަކު ވެސް އެކި މިންވަރަށް ފިހިފައި ވެއެވެ.