އެމެރިކާ

ނިއު ޔޯކް ސިޓީގެ މޭޔަރަށް ދައުވާކޮށްފި

ނިއު ޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސްއަށް ދަޢުވާކޮށްފި އެވެ.

މި ދައުވާ އުފުލާފައިވަނީ އޭނާ މޭޔަރު ކަމަށް އައުމަށް 2021 ވަނަ އަހަރު ކުރެއްވި ކެމްޕޭނާ ގުޅުން ހުރި ކަމެއްގައެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމުގައިވާ އެޑަމްސްއަށް ދަޢުވާ އުފުލާފައިވަނީ ތުރުކީގެ ވިޔަފާރިވެރިންނާ އެކު ގާނޫނާ ހިލާފަށް މުޢާމަލާތްތަކެއް ހިންގުމުގެ ތުހުމަތުގަ އެވެ. މި މައްސަލައިގައި އޭނާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްވެސް ކުރެވެ އެވެ.

މި މައްސަލައާ ގުޅިގެން އެޑަމްސްގެ ކުރީގެ ފަންޑްރެއިޒިން ޗީފް، 25 އަހަރުގެ ބްރިއާނާ ސުލީމާނަށްވެސް ދައުވާ އުފުލާފައިވެ އެވެ. އޭނާއަށް ދައުވާ އުފުލާފައިވަނީ ބޭރުގެ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ދިން ކަމަށް ތުހުމަތުކޮށްފަ އެވެ.

އެޑަމްސްގެ ވަކީލުން ބުނެފައިވަނީ އޭނާ އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށާއި، މި ދައުވާތަކަކީ ސިޔާސީ ބޭނުމަށް އުފައްދާފައިވާ ދައުވާތަކެއް ކަމަށެވެ. އެޑަމްސް އަކީ ނިއު ޔޯކް ސިޓީގެ ކަޅު ނަސްލުގެ ދެވަނަ މޭޔަރެވެ.

މި މައްސަލައިގެ ތަފްސީލުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް މި ދައުވާތަކަކީ ނިއު ޔޯކް ސިޓީގެ ސިޔާސީ މަޝްރަހަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ފެޑެރަލް ފުލުހުން އެޑަމްސްގެ އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި ކަމަށް ވެސް ބުނެ އެވެ.