އެމެރިކާ

އެމެރިކާގައި މީހަކު ބަޑި ޖަހައި އެތައް ބަޔަކު މަރާލައިފި

އެމެރިކާގެ ފިލަޑެލްފިއާގައި މީހަކު ބަޑި ޖަހައި އެތައް ބަޔަކު މަރާލައިފި އެވެ.

މިހާދިސާގައި ހަތަރު މީހަކު މަރާލިއިރު އިތުރު ހަތަރު މީހަކު ޒަހަމްވެފައިވެ އެވެ.

ބަޑި ޖެހި މީހާ ވަނީ ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ފިލަޑެލްފިއާގެ ޕޮލިސް ޑިޕާޓްމަންޓުން ރޮއިޓަސް އަށް ޔަގީންކޮށްދީފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭގައި މީހަކު ބަޑި ޖެހި ހާދިސާގައި ގިނަ ބައެއްގެ ގަޔަށް ވަޒަން އަރައި ޒަޚަމް ވެފައިވެ އެވެ.

އެމެރިކާގެ ފުލުހުން ބުނެފައިވާ ގޮތުގައި ބެލިސްޓިކް ވެސްޓެއް ލައިގެން ހުރި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ އަތުން ރައިފަލަކާއި ފިސްތޯލައެއް އަތުލެވިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެމެރިކާގެ މީޑީއާ ތަކުގައި ބުނެފައިވާ ގޮތުގައި ބަޑީގެ ހަމަލާގައި ޒަޚަމު ވެފައިވާ މީހުންގެ ތެރޭގައި ކުޑަ ދެ ކުއްޖަކުވެސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފާހަގަކުރާ އެމެރިކާގެ މިނިވަން ދުވަހާ ދިމާކޮށް ފިލަޑެލްފިއާގައި ބަޑި ޖަހައި ހިންގި މި ހަމަނުޖެހުމުގެ ހާދިސާގެ ތަހުގީގު މިހާތަނަށް ނިމިފައެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ފިލަޑެލްފިއާގެ ހުޅަނގުދެކުނުގައި ކިންގެސިން ސަރަހައްދުގަ އެވެ.

ފިލަޑެލްފިއާގެ ބަޑި ޖެހި މި ހާދިސާ ހިންގާފައި މިވަނީ މި ހާދިސާ ހިންގުމުގެ އެއް ދުވަސް ކުރިން ބަޑި ޖަހައި ދެ މީހަކު މަރާލައި 28 މީހަކު އެ ހާދިސާގައި ޒަޚަމްވެފައި ވަނިކޮށެވެ. މީގެތެރޭގައި ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަ ކުދިންނެވެ.

އެމެރިކާގައި ރައްޔިތުންނަށް ރައްކާތެރިކަމެއްގެ ގޮތުން ބަޑި ގެންގުޅެން ގާނޫނީ ގޮތުން ހުއްދަ ދީފައި އޮންނައިރު ކޮންމެ އަހަރެއްގައިވެސް އާންމުންގެ ތެރެއިން މީހުން ބަޑި ޖަހައިގެން އެތައް ބަޔަކު މަރަމުންދާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވެ އެވެ.