ހަބަރު

ގާޒީ ނިހާން އިތުރު 15 ދުވަހަށް ބަންދުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލައިގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާން އިތުރު 15 ދުވަހަށް ބަންދުކުރުމަށް ހައިކޯޓުން އަންގައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ގާޒީ ނިހާން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އިތުރު 15 ދުވަހަށް ގާޒީ ނިހާން ބަންދުކުރުމަށް ހައިކޯޓުން ނިންމީ، މިއަދު ގާޒީ ނިހާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. މީގެކުރިން އޭނާގެ ބަންދަށް ހައިކޯޓުން ހަތް ދުވަސް ޖެހި އެވެ.

ގާޒީ ނިހާންއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ގާޒީ ނިހާން ސަސްޕެންޑް ކުރުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކުރުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން، ގާޒީ ނިހާންގެ އިތުރުން ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. މުހުތާޒު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެ އަމުރު ބާތިލުކޮށް ހައިކޯޓުން ވަނީ އަލުން މުހުތާޒު ހައްޔަރުކުރުމަށް އަމުރުކޮށްފަ އެވެ. މުހުތާޒުގެ ބަންދަށް ހައިކޯޓުން ޖަހާދީފައިވަނީ 15 ދުވަހެވެ.

މުހުތާޒުގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ހައްޔަރުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ މުހްތާޒް އިތުރު ބަޔަކާއި ބައިވެރިވެގެން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމަށްޓަކައި 2016 ފެބުރުވަރީ 7 ދުވަހުގެ ދަންވަރު 12:45 އެހައިކަށްހައިރު، ލޯންޗެއްގައި މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅިގެން، އެކޯޓު ހުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޔާމީން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.