ކްރިމިނަލް ކޯޓް

މޭރީގެ މަރު: ދައުވާ ފޯމަށް ބަދަލު ގެނައުމުން ހެކިބަސް ނެގުން ފަސްކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ފޯމަށް ބަދަލު ގެނައުމާ ގުޅިގެން ހެކިބަސް ނެގުން ފަސްކޮށްފި އެވެ.

މާވިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، ފިލިޕީންސަށް ނިސްބަތްވާ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމާ ގުޅިގެންނެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.

މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް މާވިންގެ އޭރުގެ ދިވެހި ލޯބިވެރިޔާ އަދި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލާފައިވެ އެވެ. އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ދައުވާ ފޯމަށް ބަދަލު ގެނެސްފައިވާ ކަން ކުރިން އެނގިފައި ނުވާތީ ހެކިބަސް ނެގުން ފަސްކޮށްދިނުމަށް އެދިފަ އެވެ. އެކަމަކު ދައުލަތުން ބުނީ ދައުވާއަށް ބަދަލު ގެނައިކަން ކުރިން އަންގާފައިވާނެ ކަމަށެވެ. އެހެންވެ އެކަން ޔަގީންކުރުމަށްޓަކައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު މިއަދުގެ އަޑުއެހުން ވަގުތުކޮޅަކަށް މެދުކަނޑާލި އެވެ. އަދި ފަހުން އަޑުއެހުން ފެށުމަށްފަހު ގާޒީ ވަނީ ހެކިބަސް ނެގުން އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.