ހަބަރު

ޖައިލަމް މަރާލި ކަމަށް ތިން މީހަކު އިންކާރުކޮށްފި

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރުގެ މަރައިލި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ތިން މީހުން ދައުވާ އިންކާރުކޮށްފި އެވެ. ދައުލަތުން ދައުވާ އުފުލާފައިވަނީ، ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާންގެ މައްޗަށެވެ. ތިން މީހުން މައްޗަށް ވެސް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގސްދުގައި މީހަކު މެރިކަމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސްވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.

ޖައިލަމް މަރުވެފައިވަނީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ. ޖައިލަމް މަރުވީ އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.

ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޖައިލަމަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އެ ތިން މީހުންނާ އެކު ޖައިލަމް ކައިރިއަށް ދިޔަ އިތުރު މީހާ ކަމަށެވެ. އަދި އެމީހާ ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ދައުވާގައިވެ އެވެ.

ދައުލަތުން މިއަދު އިއްވި ދައުވާގައި ބުނެފައިވާ ގޮތުގައި، ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުމުމަށް މަސައްކަތް ވަނީ މަސައްކަތްކޮށްފަ އެވެ. ދައުވާގައިވާ ގޮތުން ދައުވާ އުފުލާފައިވާ ތިން މީހުންނާއި އިތުރު މީހަކު ޖައިލަމްގެ ގެ ކައިރިއަށް ގޮސްފައިވަނީ ދެ ސައިކަލުގައި ކަމަށެވެ. ދައުވާގައި ބުނެފައިވާ އިތުރު މީހާއަކީ ގއ. ވިލިނގިލި، ފިޔަޖަހާގެ މުހައްމަދު ހުމައިދެވެ. އޭނާ މިހާތަނަށް ހައްޔަރުކުރެވިފައިނުވާއިރު އޭނާ ހޯދުމަށް އިންޓަރޕޯލް ރެޑްނޯޓިސް ވަނީ ނެރެފަ އެވެ.

އިންޓަރޕޯލް ނޯޓިސްގައި ބުނެފައި ވަނީ ހުމައިދު ހޯދަމުން ދަނީ ތޫނު އެއްޗަކުން ހަމަލާދީ ގޭންގަކުން މީހަކު މަރާލި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ހުމައިދު ހޯދަމުން ދަނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ރާއްޖޭގެ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ކަމަށް އިންޓަރޕޯލްގެ ނޯޓިސްގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ތިން މީހުން ވެސް ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފައިވާއިރު ތިން މީހުން ވެސް ވަނީ މައްސަލާގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފަ އެވެ. މިއަދުގެ އަޑުއެހުމަށް އިރުފާނުގެ ފަރާތުން ވަކީލަކު ހާޒިރުވެފައިވާއިރު ނަސީބާއި އަނީގަށް ވަނީ ވަކީލުން ހަމަޖެއްސުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މިއަދު އަޑުއެހުމުގައި، އިރުފާނުގެ ވަކީލު ވަނީ މައްސަލާގެ ސީގާގެ އިތުރުން އެއްވެސް އެހެން ލިޔުމެއް ލިބިފައިނުވާީ ޖަވާބުދާރީވުމަށް އުނދަގޫވާ ކަމަށް ބުނެފަ އެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މައްސަލައަކީ މަރަކާ ގުޅިފައިވާ މައްސަލެއް ކަމަށްވާތީ ގިނަ ލިތުންތަކަކީ ސިއްރު ލިޔުންތައް ކަމަށާއި ކޯޓަށް ލިބޭ މިންވަރަށް ލިޔެކިޔުންތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މައްސަލާގައި ދައުލަތުން ހުށަހަޅާ ހެކިންތަކަކީ ސިއްރު ހެކިން ކަމަށާއި ހެކިން ހުށަހަޅަން ބޭނުންވަނީ، ލިޔުމުން ކަމަށެވެ. ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމުގައި ޖަވާބުދާރީވުމަށް ތިން މީހުންނަށް ވެސް އަންގާފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށަހެޅުމަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.