ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕީޕީއެމް އިން އީޔޫގެ ޓީމާ ބައްދަލުކޮށް ޝަކުވާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެގެން ކަމަށް ބުނެ ޕީޕީއެމް އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގައި ޝަކުވާ ކޮށްފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅުންހުރި ކަންކަން ރާއްޖޭގައި ކުރިއަށްދާ ގޮތް ބަލައި މޮނިޓާކުރުމަށް އީޔޫގެ ޓީމެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ވަނީ އީޔޫގެ ޓީމާ ބައްދަލުކުރައްވާ އެ ޕާޓީގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީއާ ގުޅޭގޮތުން ޕީޕީއެމް އިން އީޔޫގައި ޝަކުވާ ކޮށްފައި މިވަނީ ޔާމީން ގެއަށް ބަދަލުކުރުމަށް އީޔޫ އެދިފައި ނުވާނެ ކަމަށް ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ އީޔޫގެ ޓީމުން މިއަދު ބުނެފައި ވަނިކޮށެވެ. އީޔޫ އިން ބުނީ ރަައީސް ޔާމީންގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދާތީ އެކަމުގެ ތެރެއަށް އީޔޫ ނުވަންނާނެ ކަމަށެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން އީޔޫގެ ޓީމާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވީ މިބައްދަލުވުމުގައި ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެދީފައިވާނެ ކަމަށެވެ.

"އަދި ރައީސް ޔާމީންގެ ކެންޑިޑެސީ ގެއްލުވާލުމަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާފައިވާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާނެ،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުގައި ބާއްވައިގެން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. އަދި ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ހިންގަމުންދާ ރިޝްވަތުގެ އަމަލުތައް އީޔޫގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.