ފައިސަލް ނަސީމް

ގުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް އެދިވަޑައިގެންފި

ގުރުއާން ކިޔެވުމާއެކު ގުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ އިސްލާމީ ޔުނިވަސިޓީގެ ކުއްލިއްޔާ އޮފް ގުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބޭއްވި "މަހްފަލުލްގުރްއާނީ 1445" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ޔުނިވަސިޓީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ގުރުއާން އުގަންނައިދީ ގުރުއާން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި އަދި ދޭހަކޮށްދިނުން މިއީ އެންމެ ތުއްތުއިރުން ފެށިގެން ތާއަބަދުކުރަންޖެހޭ ކަމެއް ކަމަށެވެ.

ކޮންމެ މީހަކުވެސް ވަގުތު ހޯދައިގެން ގުރުއާނުގެ އާޔަތްތަކުގެ މާނަތައް ދަސްކުރުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސްކޫލްތަކުގައި ގުރުއާން ކިޔަވައިދިނުމުގައި މިހާރު ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް "މަހްފަލުލްގުރްއާނީ 1445"ގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"މަހްފަލުލްގުރްއާނީ 1445" އަކީ ގުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ގުރްއާނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުންދާ ބޭފުޅުންނަށް އަމާޒުކޮށްގެން ކުއްލިއްޔާ އޮފް ގުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިފަދަ ތިންވަނަ ގުރުއާން މަހްފަލެވެ. މި މަހްފަލުގައި ރާއްޖެއާ ރާއްޖޭން ބޭރުގެ މަޝްހޫރު ބައެއް ގާރީން ކިޔަވާފައިވެ އެވެ.

މި މަހްފަލުގެ މައިގަނޑު މަގުސަދަކީ ކީރިތި ގުރުއާން ކިޔެވުމުގައި ބޭނުންކުރާ މަގާމާތުތަކަށް އަހުލުވެރިކުރުވުމާއި އަޑު ގެންގުޅޭނެ ގޮތުގެ ހުނަރުތައް ލިބިދިނުމެވެ. މީގެ އިތުރުން މި މަހްފަލުގެ ތެރެއިން ގުރުއާން ޓީޗަރުންނަށް ހާއްސަކޮށްގެން ރާއްޖޭގެ ސްކޫލްތަކުގައި ގުރުއާނުގެ މުގައްރަރު ކިޔަވައިދިނުމަށް ހުރި ގޮންޖެހުތަކާއި އެކަމުގެ ހައްލުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއްވެސް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.