އިލެކްޝަންސް ކޮމިޝަން

އުމަރަށް ދިން ހަމަލާ: ތަހުގީގު އަވަސްކުރަން ގޮވާލައިފި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މަގުމަތިން ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފި އެވެ.

އުމަރު ނަސީރަށް އިއްޔެ ހަވީރު ހަމަލާދީފައިވަނީ އުމަރާއި އޭނާގެ ރަނިންމޭޓް އަހްމަދު ސަލީމާއި އިތުރު ބަޔަކު މަޖީދީ މަގުން ޕިކަޕެއްގައި ދުއްވާފައި ދަނިކޮށް މަޖީދީ މަގުގައި ހުންނަ ބިއްލޫރިޖެހި ގެއާ ހަމައިންނެވެ.

ހަމަލާ ދިނީ ދަގަޑު އެއްޗެއް ދުރުން އެއްލައިގެން ކަމަށާއި އެ އެއްޗެއް އޭނާގެ މޫނުގައި ޖެހުނު ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

"މޫނުމަތީ ޖެހުމަށްފަހު [އެމީހާ ވަނީ] ފިލާފައި. އަޅުގަޑުގެ ސިކިއުރިޓީގެ ގޮތުގައި ތިއްބެވި ސިފައިން މިހާރު ވަނީ އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވާފައި،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން އިންތިހާބަށް ކުރިމަތިލި މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން އިންތިހާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހާ އެމީހާގެ މަގާމާ ހަވާލުވަންދެން، އެންމެހައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމަށް ހުންނަން، އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް، ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދޭން ޖެހެ އެވެ.

އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެކެވެ.

މިމައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ކެންޑިޑޭޓެއްގެ ހައްގަކަށް އަރައިގަންނަނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ. އަދި ކެންޑިޑޭޓުންނަށް ހަމަލާދިނުން ފަދަ ނާތަހުޒީބު އަމަލުތަކުން ހުރިހާ އެންމެންވެސް ދުރުހެލިވުމަށް ހަބީބް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގޮސް، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީގެ ފަރާތުން ގޮވާލަން،" ހަބީބް ވިދާޅުވި އެވެ.

މީގެއިތުރުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކ. ގުރައިދޫއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅާ ދިމާކޮށް އެރަށުގައި ހަމަނުޖެހުން ހިންގާފައިވާތީ އެކަމުގައިވެސް ހަބީބް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެެވެ.

"މިފަދަ ގާނޫނާ ހިލާފު އަމަލުތަކުން ދުރުހެލިވުމަށް ވެސް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ހަބީބް ވިދާޅުވެފައިވެ އެވެ.

ގުރައިދޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 22 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައިވެ އެވެ. އުމަރަށް ދިން ހަމަލާއާ ގުޅިގެން މިއަދު ހެނދުނުވެސް ފުލުހުން ބުނީ އެފަދަ މައްސަލައެއް ލިބިފައި ނުވާ ކަމަށެވެ.