ގިރާވަރު ފަޅު

އޮކްޓޫބަރަށް ގިރާވަރުފަޅު ހިއްކާ ނިމޭނެ: ސަރުކާރު

މިއަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ގިރާވަރުފަޅު ހިއްކާ ނިންމުމަށްފަހު މާލެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ ހުރިހާ ގޯތިތަކެއް އެހާ ތަަނަށް ހަވާލުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ބައެއް ނޫސްތައް ގިރާވަރުފަޅަށް ގެންގޮސް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު ގިރާވަރުފަޅު އޮކްޓޫބަރުގެ ނިޔަލަށް ހިއްކާ ނިންމާލެވޭނެ ކަމަށެވެ. އަދި ބިން ހިއްކޭ ވަރަކުން ގޯތި ކަނޑަމުން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ގިރާވަރު ފަޅުގައި މިހާރު ހިއްކާފައި އޮތް ބިމުން ވެސް 400 ގޯތި ނެގޭނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަތީ މިދައުރު ނިމުމުގެ ކުރިން ގޯތި ހަވާލުކުރުމަށް ކަމަށެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހުގެ ކުރިން ގޯތި ދޫކޮށް ނިންމުން ކަަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވި 19،639 މީހުންނަށް ޖުމްލަ 9،003 ގޯތި ދޫކުުރުމަށްޓަކައި މިހާރު ދަނީ ގުރުނަގަމުންނެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ.

ސަރުކާރުން ނިންމާފައިވަނީ މިބުރުގައި ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

ގިރާވަރުފަޅު ހިއްކަނީ ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓް ވެންޗައާ ހަވާލުކޮށްގެންނެވެ.