ހަބަރު

ޓީބީ ޖެހިފައި ހުރި މީހަކު ޓެކްސީ ކުރަނީ!

ޓީބީ ޖެހިފައި ހުރި މީހަކު މާލޭގައި ޓެކްސީ ޑްރައިވަރެއްގެ ގޮތު، މަސައްކަތް ކުރަމުންދާ ކަމަށް "އަަވަސް" އަށް ކަށަވަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ވަނީ ޖެންޑާ މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ވެސް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް އިދާރާ އަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ އެ ޓެކްސީ ޑްރައިވަރު އަދިވެސް ޓެކްސީ ކުރާ ކަމަށް ވަނީ އެނގިފަ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުުގައި ޓީބީ ޖެހިފައި ވަނީ ދިވެއްސަކާ ކައިވެނިކޮށް، ދިވެހި ރައްވެއްސަކަށް ވެފައިވާ ބިދޭސީއެކެވެ. އަދި އެއީ ވަރަށް ކުރިންސުރެ ރާއްޖޭގައި އުޅެމުން އަންނަ މީހެއް ކަމަށް ވެސް އެނގިފައިވެ އެވެ. އޭނާގެ ދަރިއަކަށް ވެސް މި ބަލި އަރާފައިވާ ކަމަށް ބެލެވޭތީ ޓެސްޓްތައް ހަދަމުންދާކަން އެނގިފައިވެ އެވެ. ނަމަވެސް އެ ޓެސްޓުތަކުގެ ނަތީޖާ ލިބުނު ކަމެއް އަދި ނޭނގެ އެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަން އެޗްޕީއޭ އަށް ގުޅުމުން ބުނީ ފަހުން ޖަވާބެއް ދޭނެ ކަމަށެވެ.

ޓީބީ ޖެހިފައި ވަނީ ކޮން ޓެކްސީ ސެންޓަރެއްގައި މަސައްކަތްކުރާ މީހަކަށް ކަމެއް ވަނީ އެނގޭ ގޮތް ނުވެފަ އެވެ.

ޓެކްސީ ކުރުމުގެ ގަވައިދު ބުނާ ގޮތުން ޓެކްސީ ޑްރައިވަރަކަށް ހުއްދަ ދިނުމުގެ ކުރިން، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ ހިދުމަތް ދޭ މަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން އެ ޑްރައިވަރެއްގެ މެޑިކަލް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ.