ބިލިއަނަރު -- އީލޯން މަސްކުގެ ސްޓާލިންކް ޕްރޮޖެކްޓުގެ ދަށުން ސެޓެލައިޓް މެދުވެރިކޮށް ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ލައިސަންސް ހަވާލުކޮށްފި އެވެ.
ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސްޓާލިކްގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މާކެޓް އެކްސެސް ޑިރެކްޓަރު ރަޔާން ގުޑްނައިޓެވެ. ރާއްޖޭގެ ފަރާތުން ލައިސަންސް ހަވާލުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ސްޓާލިންކަށް ލައިސަންސް ދޫކުރެވިފައި މިވަނީ ދޮޅު އަހަރު ދުވަހުގެ މަސައްކަތަށް ފަހުގައި ކަމަށެވެ. ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްޓާލިންކްގެ ހިދުމަތް ފަށާ ގައުމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިރަސްމިއްޔާތުގައި ރަޔާން ވިދާޅުވީ ރާއްޖޭގައި ސްޓާލިންކް ނެޓްވޯކްގެ ހިދުމަތް ފެށުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށެވެ.
"ރާއްޖެ ފެންނަނީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މާކެޓެއް ގޮތުގައި" ރަޔާން ވިދާޅުވި އެވެ.
ސްޕޭސްއެކްސް އިން އެ ކުންފުނީގެ ޒަމާނީ ސެޓެލައިޓްތައް ބޭނުންކޮށްގެން މުޅި ދުނިޔޭގައި ހައިސްޕީޑް ލޯ ލެޓެންސީ ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތްތައްވެސް ރަޔާން ހިއްސާކުރެއްވި އެވެ.
ސްޓާލިންކަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް ހުއްދަ ދިން ނަމަވެސް ރާއްޖޭގައި މިހާރު އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތައް ކަމަށްވާ އުރީދު، ދިރާގް އަދި ރާއްޖެ އޮންލައިން އަށް ލިބެމުންދާ ފައިދާއަށް އަސަރުނުކުރާނެ ކަމަށްވެސް ސްޕޭސްއެކްސް އިން ބުނެ އެވެ.
ސްޓާލިންކުން އިންޓަނެޓު ހިދުމަތް ދެނީ 1700 އަށް ވުރެ ގިނަ ސެޓެލައިޓު ދުނިޔޭގެ ތިރީ އޯބިޓަށް ފޮނުވައިގެންނެވެ.
ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމަށް ކަވަރޭޖް މިހާރުވެސް ފޯރުކޮށްދެމުންދާ ސްޓާލިންކް ކުންފުނީގެ އަމާޒަކީ މިއަހަރު މޯބައިލް ފޯނުގެ ހިދުމަތް ފެށުމެވެ. ސްޕޭސްއެކްސް އިން ސްޓާލިންކް ސެޓެލައިޓްތައް ޖައްވަށް ފޮނުވަވްނފެށީ 2019 ވަނަ އަހަރު އެވެ.