ދުނިޔެ

ދެ ޖެޓު ޖެހި ޔުކްރޭންގެ ތިން ޕައިލެޓުން މަރުވެއްޖެ

ޔުކްރޭންގެ އަސްކަރީ ފަރިތަކުރުންތަކެއްގައި ދެ ޖެޓު ޖެހި ތިން ޕައިލެޓުން މަރުވެއްޖެ އެވެ.

ޔުކްރޭންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މަރުވެފައިވަނި ވަރަށް އުއްމީދީ ތިން ޕައިލެޓުންނެވެ.

މިއީ ޔުކްރޭނަށް އެފް16ގެ ފައިޓަރު ޖެޓުތައް ގެނައުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް އަސްކަރިއްޔާއިން ބުނެ އެވެ. ސަބަބަކީ މަރުވި ތިން ޕައިލެޓުންގެ ތެރޭގައި، އެފް16ގެ ފައިޓަރު ޖެޓުތަކަށް ވަރަށް ކުޅަދާނަ، ވަރަށް ހުނަރުވެރި ޕައިލެޓަކު ހިމެނުމެވެ.

ޔުކްރޭނުން ބުނާ ގޮތުން ފައިޓަރު ޖެޓު ދުއްވާ ޕައިލެޓުން ގެއްލުމަކީ މި ދަނޑުވަޅުގައި ޔުކްރޭނަށް ދިމާވި ވަރަށް ބޮޑު ހިތާމަ އެކެވެ. ގެއްލުންތަކުން އަރައިގަތުމަށް ވަަރަށް ގިނަ ދުވަސް ނަގާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން ދެ ޖެޓު ޖެހުނީ އާދަޔާ ހިލާފަށް ކައިރިވާން ހަދައިގެންނެވެ. ބެލެވޭ ގޮތުގައި ޕައިލެޓުން އުޅުނީ ދުޝްމަނުންނަށް އޮޅުވާލުމަށް އުކުޅުތަކެއް ފަރިތަކުރުމުގައި ކަމަށް ދެ ޖެޓު ޖެހުނު ތަން ދުށް މީހަކު ބުންޏެވެ.

ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ވެސް ވަނީ ޕައިލެޓުންގެ އާއިލާއަށް ތައުޒިއާ ވިދާޅުވެފަ އެވެ. ގެއްލިގެން ދިޔައީ ޔުކްރޭނަށް ވަރަށް މުހިންމު ބައެއް ކަމަށް ވިދާޅުވި އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ އަދި މިފަދަ ހާދިސާއެއް އަސްކަރިއްޔާގައި ނުހިނގާނެ ގޮތެއް ހެދުމަށް ޒެލެންސްކީ ވަނީ އަމުރުކުރައްވާފަ އެވެ.

ފައިޓަރު ޖެޓުތަކުގެ ޕައިލެޓުންނަކީ އަބަދުވެސް އާދަޔާ ހިލާފް ސްޓަންޓް ހަދާ ބައެކެވެ. އެއީ ޖެޓުތައް ދުއްވުުމުގައި އަދި ހަނގުރާމައިގައި ދުޝްމަނުންނަށް އޮޅުވާލައި ހަމަލާތަކުން ރެކި މަންޒިލަށް ވާސިލްވުމަށެވެ. މިގޮތުން މަކަރުވެރި އުކުޅުތައް ފަރިތަކުރުމަކީ ޕައިލެޓުންނަށް ކުރަންވެސް ޖެހޭ ކަމެކެވެ.

ޔުކްރޭނަށް އެފް16ގެ ފައިޓަރު ޖެޓުތައް ލިބުމުގައި ޕައިލެޓުންގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

މިހާރުވެސް ހުޅަނގުން އިސްނަގައިގެން 32 ޕައިލެޓުން ތަމްރީން ކުރަމުންދާއިރު އެ މީހުންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔުކްރޭން ޕައިލެޓުންނަށް އިނގިރޭސި ބަސް ނޭނގުމެވެ.