ހަބަރު

ދެ ލައްކައެއްހާ ރުފިޔާގެ ދަރަންޏެއް މުސްތަފާގެ މައްޗަށް ސާބިތުވެއްޖެ

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ދަރަނީގެ މައްސަލަ އެއް ސާބިތުވެއްޖެ އެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވެސް މެންބަރު މުސްތަފާގެ މައްޗަށް ދަރަނީގެ މައްސަލައެއް ސާބިތުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މުސްތަފާގެ މައްޗަށް ހުކުމުކުރީ، އެމެޓީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް މުސްތަފާ ދައްކަން ޖެހޭ ފައިސާތަކެއް ދައްކާފައިނުވާ މައްސަލާގަ އެވެ. އެ ކުންފުނިން އެދިފައިވަނީ މުސްތަފާ ދައްކަން ޖެހޭ 193،820 ރުފިޔާ އާއި އެ ކުންފުނިން މުސްތަފާއަށް ކުއްޔަށްދީފައިވާ އެޕާޓްމެންޓެއްގެ ކުއްޔަށްވާ 194،000 ރުފިޔާ ހޯދައި ދިނުމަށެވެ.

މި މައްސަލާގައި އިއްވި ހުކުމުގައި ބުނެފައިވާ ގޮތުން މުސްތަފާ ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކުން އެ ކުންފުންޏަށް މުސްތަފާ ދައްކަން ޖެހޭ ކަމަށް ބުނެފައިވާ 193،820 ރުފިޔާ މުސްތަފާ ދައްކަވާފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ކުންފުނިން މުސްތަފާ އަށް ކުއްޔަށް ދޫކޮށްފައިވާ މ. ލީނިއާ ފުރަތަމަ ފަންގިފިލާގެ ފަސް އަހަރު ދުވަހުގެ ކުއްޔަށްވާ 194،000 ރުފިޔާ އެ ކުންފުންޏަށް ދައްކާފައިވާކަން މުސްތަފާ އަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ވަނީ މުސްތަފާގެ މައްޗަށް ހުކުމް ކޮށްފަ އެވެ. މުސްތަފާގެ މައްޗަށް ދަރަނީގެ މައްސަލަ ސާބިތުވެފައިވީ ނަމަވެސް މުއްދަތުގެ ތެރޭގައި ފައިސާ ދައްކައިފިނަމަ އޭނާގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް ކޯޓުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި މުސްތަފާ ފައިސާ ނުދައްކައިފިނަމަ އޭނާގެ މަޖިލިސް ގޮނޑިއާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މުސްތަފާގެ މައްޗަށް 2012 ވަނަ އަހަރު ސާބިތުވި ދަރަނީގެ މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވެ އެވެ. އެފަހަރު މުސްތަފާގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކީ ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާ ނަންގަވާފައިވާ 481,592 ރުފިޔާ ދައްކަވާފައިނުވާ މައްސަލަ އެވެ. އެ ދަރަނީގެ މައްސަލައާ ގުޅިގެން އޭނާގެ ގޮނޑިއާމެދު ސުވާލު އުފެއްދީ މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މުސްތަފާގެ ގޮނޑި ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފުރިހަމަވާންޖެހޭ ޝަރުތުތައް މުސްތަފާގެ ފުރިހަމަވެފައިނުވާ ކަމަށް ބުނެ މެންބަރުން ކަމުން ވަކިކޮށްދިނުމަށް އެދި އުމަރު ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.